12 Dec 2021, 09:40
ވޮޝިންޓަން (ޑިސެމްބަރު 12): އެމެރިކާގެ އެކި ސްޓޭޓްތަކަށް އިއްޔެ އެރި ނަގޫރޯޅިތަކަކީ ފަހުގެ ތާރީޚެއްގައި ނާރާވަރުގެ ބާރުގަދަ ނަގޫރޯޅި ތަކެއްކަމަށާއި އެއިން ލިބުނު ގެއްލުންތަކަކީވެސް ފަހުގެ ތާރީޚެއްގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލިބުނު އެންމެ ބޮޑު ގެއްލުންތައް ކަމަށް އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މޫސުމާބެހޭ ތަޖްރިބާކާރުންނާއި ތިމާވެށި ދިރާސާކުރާ ފަރާތްތަކާ އަދި ޑީޒާސްޓާއާބެހޭ މާހިރުން ވިދާޅުވިގޮތުގައި މިއީ އަވަސްމިނެއްގައި އުފެދުނު އާދަޔާ ޚިލާފު ބާރުގަދަ ނަގޫރޯޅިތަކެކެވެ. އެ ނަގޫރޯޅިތަކުން އެމެރިކާގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ތަންތަން ސުންނާފަތި ވެފައިވަނީ މީގެކުރިން ތަޖްރިބާކޮށްފައިނުވާހާ އަވަސް އަދި ބާރު މިނެއްގައެވެ.
އެމެރިކާގެ ނޮދަން އިލިނޯއީ ޔުނިވަސިޓީގެ ރީސާޗަރެއްކަމަށްވާ ވިކްޓާ ގެންސިނީ މިޑީއާއަށް ވިދާޅުވިގޮތުގައި ނަގޫރޯޅިތަކުން އެމެރިކާއަށް ލިބުނު ގެއްލުންތަކަކީ ފަހުގެ ތާރީޚެއްގައި ލިބުނު އެންމެ ބޮޑު ގެއްލުމެވެ. އެއްދުވަހުގެ ތެރޭގައި މިވަރުގެ ބޮޑު ގެއްލުމެއް ނަގޫރޯޅިތަކުން ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަގޫރޯޅި ތަކުގައި ލިބިފައިވާ ގެއްލުންތައް
އެމެރިކާގެ ދެކުނު ހަ ސްޓޭޓަކަށް އިއްޔެ ވަނީ އާދަޔާ ޚިލާފަށް ބާރު މިނެއްގައި އައި ނަގޫރޯޅިތަކެއް އަރާފައެވެ. މީގެތެރޭގައި ޓެނެސީ، މިސޫރީ، ކެންޓަކީ، އިލިނޯއި، އިންޑިއާނާ އަދި މިސިސިއްޕީ ހިމެނެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ގެއްލުންވި ސްޓޭޓްތަކުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި އޮންލައިކޮށް ޚިތާބެއް ދެއްވާފައެވެ. އެޚިތާބުގައި ބައިޑަން ވިދާޅުވީ އެ ސްޓޭޓްތަކުގައި ގެއްލުންވި ފަރާތްތަކަށް އެމެރިކާގެ މައި ސަރުކާރުން މާލީ އަދި ލޮޖިސްޓިކް އެހީތައް ފޯރުކޮށްދޭނެކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އެންމެ ބޮޑަށް ގެއްލުންވި ސްޓޭޓަކީ ކެންޓަކީއެވެ. ކެންޓަކީއަށް އެތައް ބިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުންވެފައިވާއިރު 80 އަށްވުރެ ގިނަމީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ކެންޓަކީގެ ގަވަރުނަރު އެންޑީ ބަޝީރު ވިދާޅުވިގޮތުގައި އެސްޓޭޓުން މަރުވި މީހުންގެ އަދަދު 100 އަށް އަރާނެއެވެ. އަދި ހާލުގައި ޖެހުނު މީހުންގެ އަދަދުވެސް އެތައް ހާހަކަށް އަރާނެއެވެ.
ކެންޓަކީގެ ގެތަކާއި، ފިހާރަތަކާއި، އާންމުންގެ ގެދޮރުފަދަ އެތައް ސަތޭކަ އިމާރާތެއްވަނީ ފުނޑުފުނޑުވެ ބިމާހަމަވެފައެވެ. ކެންޓަކީއަށް އެރި ނަގޫރޯޅި ގާތްގަނޑަކަށް 400 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދަތުރުކޮށްފައިވެއެވެ.
މިޒޫރީ އަށާއި ޓެނެސީ ގެ އެތައް ސަރަހައްދަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެފައިވެއެވެ. މި ނަގޫރޯޅި ތަކުގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާކަމަށާއި އެކަމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު އެތައް ހާހަކަށް އަރާކަމަށް ޚަބަރުތައް ބުނެއެވެ.