12 Dec 2021, 07:43
އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
ނޯވިޗްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ. މިމޮޅާއެކު ޔުނައިޓެޑް އޮތީ 27 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތީ މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް ޖުމުލަ 38 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީއެވެ.
މިރޭގެ މެޗަށް ބަލާލާއިރު، މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ގިނަ ޕާސްތަކެއް ޖަހައި ތަފާތު ކުޅުމެއް ދައްކައިފައެވެ.
މިރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގުމުގެ ފުރުސަތު ލިބުނީ ނޯވިޗަށެވެ. ނޯވިޗްގެ ޑިމިޓްރިއުސް ގިއަނޯލިސް ނަގައިދިން ހުރަހަކުން ޖަރުމަނުގެ މިޑްފީލްޑަރު ލޫކަސް ރަޕް ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ މޮޅު ކީޕަރު ޑިހެއާ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ކައުންޓާ އެޓޭކް ތަކުގެ ބޭނުން ހިފަމުން ގެންދިޔައެވެ. ދެވަނަ ހާފު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ނޯވިޗްގެ ޑިފެންޑަރަކު ކްރިސްޓިއާނޯ ރޮނަލްޑޯގެ ޓީޝާޓުގައި ހިފާ ދެމުމުން ޔުނައިޓެޑަށް ޕެނަލްޓީ އެއް ލިބުނެވެ. ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ކަނާތު ފައިން ޕެނަލްޓީ ފޮނުވާލި އިރު ނޯވިޗްގެ ކީޕަރު ޓިމް ކްރޫލް ޑައިބު އެޅީ ނުބައި ފަޅިއަކަށެވެ. ކްރިސްޓިއާނޯ ޖެހި ގޯލާއެކު އޭނާ ވަނީ މިހާތަނަށް ފުޓުބޯޅައިގެ ކެރިއަރުގައި 803 ގޯލު ޖަހާ ރެކޯޑް ދަމަހައްޓާފައެވެ.

ނޯވިޒް ސިޓީއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރިމެޗުގައި ކްރިސްޓިއާނޯ ރޮނަލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ--
އެގޯލަށް ފަހުވެސް ނޯވިޗް އަށް އެއްވަރުކުރުމަށް އެންމެ ފަހު ދިހަ މިނެޓުގައި ވެސް ފުރުސަތު ލިބުނު ނަމަވެސް ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ ހަމަލާތައް ދިފާއުކޮށްފައެވެ. މި މެޗުގައި އިންގްލެންޑްގެ މޮޅު ޑިފެންޑަރު ހެރީ މެގުއާގެ ފަރާތުން ވަރަށް ރަނގަޅަށް ނޯވިޗްގެ ފޯވާޑުން މާކުކޮށް ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރިކަން ފާހަގަވިއެވެ.
މިރޭގެ މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް އެއްވަނައިގައި ތިބި ތިން ކުލަބު ކަމަށްވާ ޗެލްސީ، ލިވަޕޫލް އަދި ސިޓީ އާ ހަމައަށް ޕޮއިންޓްގެ ގޮތުން ގާތް ވެސް ނުކުރެވެއެވެ. ލިވަޕޫލް 37 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު ޗެލްސީ އޮތީ 36 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ.
މިއަދު ކުޅުނު މެޗުތަކުގައި ވެސް ގިނަ މެޗުތައް ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ އިންނެވެ. އެގޮތުން ޗެލްސީ އަދި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރި މެޗުން ޗެލްސީ 2-3 ގެ ނަތީޖާ އަކުން މޮޅުވީ ދެ ޕެނަލްޓީ ޖަހައިގެންނެވެ. އެ ދެ ޕެނަލްޓީ ވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިއަހަރުގެ ބެލަންޑޯއަށް ނޮމިނޭޓްވި ކުޅުންތެރިއެއް ކަމަށްވާ އިޓަލީގެ ތަރި ޖޯގިނިއޯއެވެ.
ހަމައެހެންމެ ލިވަޕޫލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ވެސް ލިވަޕޫލް ކާމިޔާބުކުރީ އެޓީމުގެ މޮޅު ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވެއްދުމާއެކުގައެވެ. ސިޓީ އާއި ވުލްވްސް ބައްދަލުުކުރި މެޗުގައި ރަހީމް ސްޓާލިން ވަނީ ޕްރިމިއާ ލީގުގައި އޭނާގެ 100 ވަނަ ގޯލު ޕެނަލްޓީ އަކުން ސިޓީ އަށް ކާމިޔާބުކޮށްދީފައެވެ.