12 Dec 2021, 02:43
އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ލީޑު ދެމެހެއްޓިއިރު، ލިވަޕޫލާއި ޗެލްސީ މިއަދު ކުޅުނު މެޗުން ތިން ޕޮއިންޓް ހޯދައިފިއެވެ.
އިއްތިހާދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ވުލްސްގެ މައްޗަށް ސިޓީ ކުރިހޯދީ 0-1ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ސިޓީން ވަނީ ޖުމުލަ 38 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަައިގައި ލީޑު ދަމަހައްޓާފައެވެ. މިއަދު ލިވަޕޫލާއި އެސްޓަން ވިލާ ބައްދަލުކުރިމެޗުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި ނަމަވެސް ސިޓީއާ އެއް ޕޮއިންޓުގެ ފަރަގަކާއެކު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ސިޓީން ބޯޅަ ނުހިފައްޓައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ނެގި ހުރަހެއް ވުލްވްސްގެ ޔާއޯ މުޓީނިއޯގެ އަތުގައި ޖެހުނު ކަމަށް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައި، ސިޓީއަށް ޕެނަލްޓީ އެއް ދިނެވެ. އިންގްލެންޑްގެ ތަރި ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލަދިނީ މެޗުގެ 66 ވަނަ މިނެޓުގައެވެ.
މި ގޯލަކީ ޕްރިމިއާ ލީގުގައި އުމުރުން 27 އަހަރުގެ ސްޓާލިން ޖެހި 100 ވަނަ ގޯލެވެ. އެގޯލަށްފަހު ވެސް ސިޓީ އިން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ ދިފާއުކޮށްފައެވެ.

ވުލްވްސް އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ / ގެޓީ އިމޭޖެސް
ލިވަޕޫލާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ 0-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެގެންނެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ދިހަ މިނެޓު ކުޅެވިފައި ވަނިކޮށް، ލިވަޕޫލަށް ލީޑު ނަގައިދިނީ އެޓީމުގެ މޮޅު ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ އިންނެވެ. ލިވަޕޫލަށް ޕެނަލްޓީ ދިނީ ޓައިރޯން މިންގްސް ސަލާހު އަށް ކުރި ފައުލާ ގުޅިގެންނެވެ.

ހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ--
އަމިއްލަ ދަނޑުގައި ޗެލްސީއާއި ލީޑްސް ޔުނައިޓެޑް މިއަދު ބައްދަލުކުރި މެޗު ނިމުނީ 2-3 ގެ ނަތީޖާއަކުންނެވެ. މިއަދު ކުޅެވުނު މެޗު ތަކުގެ ތެރެއިން އެންމެ ފޯރިގަދަ އަދި ރީތި ކުޅުމަކާއި ގިނަ ގޯލުތަކެއް ފެނިގެންދިޔައީ މި މެޗުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލީޑްސްއަށް ލީޑު ނަގައިދިނީ އެޓީމުގެ ޑެނިއަލް ޖޭމްސްއަށް ކުރި ފައުލާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއަކުން ރަފިނާ ފޮނުވާލި ބޯޅައިންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެޗުގެ ނަތީޖާ ހަމަކޮށްދިނީ މާކޯސް އަލޮންސޯ ނަގައިދިން ހުރަހަކުން މޭސަން މައުންޓް ވާތު ފައިން ފޮނުވާލި ހަމަލާއިންނެވެ.
އެ މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފުގެ 55 މިނެޓް ކުޅެވިފައިވަނނިކޮށް އަންޓޯނިއޯ ރުޑިގާ އަށް ކުރި ފައުލާ ގުޅިގެން ޗެލްސީއަށް ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. މިއަހަރުގެ ބެލަންޑޯ އަށް ނޮމިނޭޓުވި އިޓަލީގެ ޖޯގީނިއޯ ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލަދިނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި ލީޑްސް އިން ނަތީޖާ ހަމަހަމަކުރިއެވެ. ލީޑްސްގެ ދެވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯ ޖެލްހާޑް ފޮނުވާލި ހިތްގައިމު ހަމަލާއިންނެވެ.

ޖޯގިނިއޯ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--
ދެވަނަ ހާފުގެ 90 މިނެޓް ކުޅުންހަމަވެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އަނެއްކާވެސް ޖަރުމަނުގެ ރުޑިގާ އަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ލިބުނެވެ. މިފަހަރުވެސް ޖޯގިނިއޯ ގޯލަށް ބޯޅަ ވައްދާލަދީ އޭނާ އެމެޗުގެ ދެވަނަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނެވެ.
މިރޭގެ މެޗުން ޗެލްސީއަށް ލިބުނު މޮޅާއެކު، 36 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެއްވަނަައިގައި މެންޗެސްޓާ ސިޓީ 38 ޕޮއިންޓާއެކު އޮތްއިރު، ލިވަޕޫލް އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.