06 Mar 2012, 15:11
އަންނަ ބުރާސްފަތި ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިއަދު ހެދުނު ނޭޕާލަށް ހިނގައްޖެ އެވެ.
މި ފަހަރުގެ އޭއެފްސީ ޗެލްންޖް ކަޕްގައި ވާދަކުރާ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ. އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ އާއި އުތުރު ކޮރެއާ އާއި ޕިލިޕީންސް އަދި ތަޖިކިސްތާން އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމް މިއަދު ނޭޕާލަށް ދިޔައީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ތައިލޭންޑުގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
އެގޮތުން ގައުމީ ޓީމު ތައިލޭންޑަށް ކުރި ތަމްރީން ދަތުރުގެ ފުރަތަމަ މެޗުގައި އެ ގައުމުގެ ސީނިއާ ޓީމު އަތުން 3- 0 އިން ބަލިވި އިރު ދެ ވަނަ މެޗުގައި ތައިލޭންޑްގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޓީޓީއެމްއާ ކުޅެ 1- 1 އިން ވަނީ އެއްވަރުވެފަ އެވެ. އަދި ރާއްޖެ ކުޅުނު ތިން ވަނަ މެޗު ވެސް ނިމުނީ ތައިލޭންޑުގެ އޮސޮޓްސްޕާއާ ދެކޮޅަށް ކުޅެ 2- 2 ލަނޑުން އެއްވަރު ވެގެންނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް:
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ނެގި ދިވެހި ޓީމުގެ ސްކޮޑުގައި ހިމަނާފައި ވަނީ 23 ކުޅުންތެރިންނެވެ. ޓީމުގެ ހެޑް ކޯޗަކީ ހަންގޭރީގެ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި މެނޭޖަރަކީ ސަލްސާ އާމިރެވެ.