ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅެ، މެންޗެސްޓާ ޔުނައިޓުގެ ތަރި މޭސަން ގްރީންވުޑް ޖެހި ގޯލު ޗެމްޕިއަންސް ލީގުގެ މިދިޔަ ހަފްތާގެ އެންމެ ހިތްގައިމު ގޯލަކަށް ހިމެނިއްޖެއެވެ.

"ގޯލް އޮފް ދަ ވީކް"ގެ ނަމުގައި ކޮންމެ ހަފްތާއެއްގައި ވެސް ކުޅެވޭ މެޗުތަކުގައި ޖަހާ އެންމެ ހިތްގައިމު ގޯލު އަންނަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ހޮވަމުންނެވެ.

ޗެމްޕިއަންސް ލީގުގެ އޮފިޝަލް ޕޭޖުން ޓުވިޓާއަށް އާންމުކުރި ވީޑިއޯގައި ވާގޮތުން ގޯލް އޮފް ދަ ވީކަށް ހޮވިފައިވަނީ ގްރީންވުޑް ޖެހި މޮޅު ގޯލެވެ. އަދި އެންމެ މޮޅު ގޯލުތަކުގެ ލިސްޓުގައި ކްލަބް ބުރޫޖް އާ ދެކޮޅަށް ޕީއެސްޖީ ކުޅުން މެޗުގައި އެންޖެލް ޑި މާރިއާ ނަގައިދިން ހުރަހަކުން ބޯޅަ ބިންމަތީގައި ނުޖެހެނީސް ކިލިއަން އެމްބާޕޭ ގޮލަށް ފޮނުވާލި ހިތްގައިމު ހަމަލާ ހިމެނިފައިވެއެވެ. އެ މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހާފައެވެ.

ހަމައެހެންމެ އެންމެ މޮޅު ގޯލުތަކުގެ ލިސްޓުގެ ދެވަނައިގައި ރެއާލް މެޑްރިޑާއި އިންޓަ މިލާން ބައްދަލު ކުރި މެޗުގައި މާކޯ އެސެންސިއޯ އޭރިއާގެ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ ހިމެނިފައިވެއެވެ.

ގްރީންވުޑް ޖެހި ގޯލާއެކު އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑާއި ޔަންގްބޯއިސް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 11 ޕޮއިންޓާއެކު ގުރޫޕް އެފްގެ އެއްވަނައިގައެވެ. ޔަންގް ބޯއީސް އާ ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 0-2 ގެ ނަތީޖާއަކުން އެމެޗު ކާމިޔާބު ކުރީ ޔަންގް ބޯއީސް އިންނެވެ.

އެމެޗު ފަށައިގެން ފުރަތަމަ ދިހަ މިނެޓުގައި މެންޗެސްޓާ އިން ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ލޫކް ޝޯ ނަގައިދިން ހުރަހަކުން މެންޗެސްޓާއަށް ލީޑު ނަގައިދިނީ އެޓީމުގެ މޮޅު ފޯވާޑް ގްރީންވުޑު ފޮނުވާލި ބައިސްކަލް ކިކަކުން ގޯލަށް ފޮނުވާލި ހަމަލާއިންނެވެ. އެގޯލާއެކު އުމުރުން 20 އަހަރުގެ ގްރީންވުޑް ވަނީ މިސީޒަނުގައި ފަސް ގޯލު ކާމިޔާބުކޮށްދީފައެވެ.

ޔުނައިޓެޑުން ލީޑު ނެގުމާއެކު ޔަންގްބޯއިސް އިން ކުޅުން ވަރުގަދަކޮށް ކައުންޓާ އެޓޭކުގެ ބޭނުން ހިފޭތޯ މަސައްކަތް ކުރަމުންގެންދިޔައެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 43 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފަބިއަން ރިއެޑާ ކަނާތު ފައިން ފޮނުވާލި ހިތްގައިމު ގޯލުންނެވެ. މިގޯލަކީ މެންޗެސްޓާގެ ހެޑް ކޯޗު ރަލްފް ރަގްނިކް އެޓީމާ ހަވާލުވުމަށްފަހު ޔުނައިޓެޑް ކޮޅަށް ވަދުނު ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުފަށައިގެން ދެޓީމުން ވެސް ބޯޅަ ގިނަ ވަގުތު ނުހިފައްޓާ އެޓޭކްކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަވަމެސް ދެވަނަ ހާފު ނިމުނީ 1-1 ނަތީޖާ އަކުން ދެޓީމު އެއްވަރުވެގެންނެވެ.

43 ވަނަ މިނެޓުގައި ފަބިއަން ރިއެޑާ ކަނާތު ފައިން ގޯލަށް ފޮނުވާލި ހަމަލާ--

ޗެމްޕިއަންސް ލީގުގެ މިދިޔަ ހަފްތާގައި މެޗުތަކަށް ބަލާލާއިރު، ދުނިޔޭގައި ނަންވިދާލައިފައިވާ އެންމެ މޮޅު އެއް ފުޓުބޯޅަ ކުލަބު ބާސެލޯނާ ވަނީ 21 އަހަރަށްފަހު ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ބަޔާން މިއުނިކް އަތުން ބަލިވެގެން ކަޓާފައެވެ. ރޭގެ މެޗުގައި ބާސާ މައްޗަށް ބަޔާން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.