ޕާކިސްތާންގެ ކްރިކެޓް ސުޕަ ލީގުގުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ ރާއްޖޭގައި ވެސް ކްރިކެޓްގެ މޮޅު ކުޅުންތެރިން ތިބިކަން ސާބިތުކޮށްދީ، ފަޚްރުވެރި ކާމިޔާބީއެއް ހޯދައިދޭނެ ކަމަށް ރާއްޖޭގެ ކްރިކެޓް ޓީމުގައި ނަންވިދާލާފައިވާ މުހައްމަދު ރިޝްވާން ބުނެފިއެވެ.

ގައުމީ ކްރިކެޓް ޓީމަށް ޓޮޕް އޯޑާ ބެޓްސްމަނަކަށް ކުޅެމުން އަންނަ ރިޝްވާން ވަނީ ޕާކިސްތާންގެ ކްރިކެޓް ސުޕަ ލީގުގެ އަންނަ އަހަރުގެ މުބާރާތުގެ ޑްރާފްޓް ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައެވެ.

ޕާކިސްތާން ސުޕަ ލީގަކީ އިންޑިއާގެ ބޮޑު ފްރޭންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ފެންވަރުގައި ޕާކިސްތާންގައި ކުޅޭ މުބާރާތަކަށްވާއިރު އެ މުބާރާތަށް ކަނޑައެޅި ބިދޭސީ ކުޅުންތެރިންގެ ޑްރާފްޓްގައި ރިޝްވާން ސިލްވާ ކެޓަގަރީގައި ހިމެނިގެން ދިއުމަކީ ރާއްޖެއަށް ވެސް ލިބޭ ފަހުރެކެވެ. މިއީ އެކަހަލަ ބޮޑު މުބާރާތަކަށް ރާއްޖޭގެ ކުޅުންތެރިއަކު ޑްރާފްޓްވި ފުރަތަމަ ފަހަރު ވެސް މެއެވެ.

ޕާކިސްތާން ސުޕަ ލީގުގައި ވާދަކުރާ ހަ ކްލަބުން މާދަމާ އޯކްޝަނުގައި ބައިވެރިވެ، ޓީމަށް ކުޅުންތެރިން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލަބްތަކުގެ އެ އޯކްޝަނުގައި ޓީމަކުން ބޭނުން ނަމަ ރިޝްވާން ޓީމަށް ނަގާނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ކުޅުންތެރިއެއްގެ ފަރާތުން އެކަހަލަ ބޮޑު މުބާރާތެއްގައި ހުނަރު ދައްކާލުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ.

ރިޝްވާނަށް މި ލިބުނު ބޮޑު ފުރުސަތާ ގުޅިގެން އޭނާ ބުނީ މުބާރާތަށް ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށާއި އެލީގަކީ ބޮޑު މުބާރާތަކަށްވާއިރު އެއީ އޭނާގެ ކްރިކެޓް ކެރިއާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހިސާބަށް އައި އިރުގައި މިއީ ވަރަށް މަސައްކަތްކޮށްގެން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޓީމަކަށް އަޅުގަނޑު ނަގައިފިނަމަ ރަނގަޅު ޕާފޯމެންސެއް ދައްކާނަން. ރާއްޖޭގައި ވެސް ކުރިކެޓް ކުޅޭ މޮޅު ކުޅުންތެރިން އެބަތިބި ކަން ސާބިތުކޮށްދޭނަން" ރިޝްވާން ބުންޏެވެ.

އުމުރުން 28 އަހަރުގެ ރިޝްވާން ބުނީ މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށާއި ފަހުރުވެރި ކާމިޔާބީއެއް ހޯދުމަށް އުންމީދު ކުރަމުން އަންނަ ކަމަށެވެ.

"މި ޗާންސްގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނަން. މިސާލަކަށް މެޗެއް ކުޅެން ލިބިއްޖެނަމަ، މޮޅު ކެޗެއް ނޫނީ އަޅުގަނޑު ބެޓްކޮށް ގިނަ ރަންސް ހަދާ ތަފާޓު ކުޅުމެއް ދައްކާނަން،" ރިޝްވާން ބުންޏެވެ.

ރާއްޖޭގެ ޒުވާން ކުރިކެޓް ކުޅުންތެރިން ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިފަދަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"ހިތްވަރުލާ މަސައްކަތްކޮށްފިނަމަ މިކަހަލަ ފުރުސަތުތައް ލިބޭނެ. އަދި ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުން މުހިއްމު. ޑޮމެސްޓިކް ކުޅުނަސް އަދި އަންޑާ 19 އަށް ކުޅުނަސް އެލިބޭ ޗާންސްގެ ބޭނުން ހިފާ ގަވާއިދުން ޕްރެކްޓިސްކޮށް އިތުރަށް ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ އުންމީދާއެކު މަސައްކަތް ކުރަންވާނެ،" ރިޝްވާން ބުންޏެވެ.

މުހައްމަދު ރިޝްވާން ކްރިކެޓް ކުޅެނީ--

ރިޝްވާނަކީ އޮމާންގައި ބޭއްވި ޓީ20 އައި މުބާރާތުގައި ރާއްޖެ ބައިވެރިވި ފަހަރު އެންމެ ގިނައިން ތިން ވަނައަށް އެމުބާރާތުގައި ލަނޑު ހޯދި ކުޅުންތެރިޔާއެވެ. އޭނާ ކްރިކެޓް ކުޅެން ފެށީ 2006 ވަނަ އަހަރުގައި ކަމަށްވާއިރު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ޖާގަ ލިބުނީ 2012 ވަނަ އަހަރުގައެވެ.

ރާއްޖެއަށް ވެސް ކްރިކެޓް މުބާރާތްތަކުން ތަށި ނެގޭނެ ކަމަށާއި ރާއްޖޭގައި މޮޅު ކުޅުންތެރިން އެބަތިބި ކަމަށް އޭނާ ބުންޏެވެ.

"ކްރިކެޓް މުބާރާތްތަކުން ރާއްޖެ ބަލިވަނީ ހެދޭ ކުދި ކުދި މައްސަލަތަކުން،" ރިޝްވާން ބުންޏެވެ.

ރިޝްވާންގެ އިތުރުން ގައުމީ ޓީމަށް ކުޅެމުން އަންނަ ހަސަން އިބުރާހިމް އަކީ ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްގެ ސްކޮޑާ އެކު ތަމްރީން ހެދުމުގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅެފައެވެ.

ޕާކިސްތާން ސުޕަ ލީގުގައި ޖުމުލަ ހަ ޓީމު ކެޅޭއިރު އެބުރާތުގައި ކުޅޭ ޓީމުތަކަކީ ލާހޯރު ޔުނައިޓެޑް، އިސްލާމީ އާބާދު ޔުނައިޓެޑް، މުލްޓާން ސުލްސްތާންސް، ޕެޝަވާރު ޒާލްމީ. ކުއެއްޓާ ގެލޭޑިއޭޓާ އަދި ކަރާޗީ ކިންގްސްއެވެ. މި ލީގު ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހު 27 ވަނަ ދުވަހުގައެވެ. ފައިނަލް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

މި އަހަރުގެ ޕާކިސްތާން ސުޕަލީގު ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޕެޝަވާރު ޒާލްމީ އާއި ވާދަކޮށް 47 ރަންސްގެ ތަފާތުން މުލްތާން ސުލްތާންސްއެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ތަރުހީބު ލިބޭ ބައިނަލްއަގްވާމީ ފެންވަރުގެ މުބަރާތެކެވެ.