06 Mar 2012, 15:08
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ދަރުބާރުގެ ހައުސިންގް މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ދެކޮޅު ހެދުމުގެ އަނެއްކާ ވެސް އެމިނިސްޓްރީން އެ މައްސަލާގައި ކަންކުރާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދިއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް، މިއަދު ވިދާޅުވީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް މާލޭ ސިޓީ ކައުންސިލުން ދަރުބާރުގެ ބޭނުންކުރަމުން ގެންދާތީ، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ދަރުބާރުގެ އެމިނިސްޓްރީއާ ހަވާލުކުރުމަށް އެންގި އެނގުމަށް އެކައުންސިލުން ދަރުބާރުގެ ހަވާލުކޮށްފައި ނުވާ ކަމަށާއި އަދި ދަރުބާރުގެ ދިނުމަށް އެފަރާތުން ދެކޮޅު ހަދަމުން ގެންދާތީވެ އެ މައްސަލައިގައި ދެން އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދި އެ މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ބަނޑާރަ ނައިބުގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.
ދަރުބާރުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ބޭނުންކުރަމުން ގެންދާ މައްސަލާގައި އެތަން މިނިސްޓްރީގެ ބެލުމަށް ދަށަށް ނެގުމަށް ބަންޑާރަ ނައިބު ކުރިން ލަފާދެއްވާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހައުސިން މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅާ، ވިދާޅުވީ ދަރުބާރުގެ މިހާރުން މިހާރަށް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ގެނައުން ވަރަށް މުހިންމު ކަމަށާއި ސިޓީ ކައުންސިލުން އެތަން ބޭނުންކުރަމުން ގެންދާ ގޮތަށް ބަލައި، އެމިނިސްޓްރީން ކުރިއަށް ގެންދަން ޖެހޭ ވަރަށް ގިނަ ޕްރޮގްރާމްތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
"މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ސިޓީ ކައުންސިލް ބުނަނީ. ނަމަވެސް މިނިސްޓްރީ އަށް އެތަން ބޭނުން ވަނީ ކޮން ސަބަބަކާ ހުރެތޯ ވިސްނަވާކަށް ވެސް އެބޭފުޅުން ބޭނުމެއް ނުވޭ. މިހާރު ވެސް އަޅުގަނޑުމެން އެބަހުރި އެއް މަސް ދުވަހުގެ ޕްރޮގްރާމްތަކާއި އެނޫން ވެސް ކަންތައްތައް އެތަން ނުލިބިގެން ނުފެށި،" އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއާ ދަރުބާރުގެ ހަވާލުކުރުމަށް އެމިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އެންގުމުން އެކައުންސިލުން ވަނީ އެކަމަކީ ސިޔާސީ ކުލައެއް ޖެހިގެން ނިންމި ނިންމުމެއް ކަމަށް ބުނެ އެތަން އެމިނިސްޓްރީއާ ހަވާލުކުރުމަށް ދެކޮޅުހަދައިފަ އެވެ.
އެމްޑީޕީން މިދިޔަ މަހު 17 އިން ފެށިގެން ލޮނުޒިޔާރަތް ކޮޅުގައި ކުރަމުން އަންނަ މުޒާހަރާގައި އެ ޕާޓީގެ ބައެއް ބޭނުންތަކަށް ދަރުބާރުގޭ އަންނަނީ ބޭނުންކުރަމުން ނެވެ. ނަމަވެސް ދަރުބާރުގެ ގަވާއިދާ ހިލާފަށް ބޭނުންކުރަމުން ނުދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.