11 Dec 2021, 12:15
ލަންޑަން (ޑިސެމްބަރު 11) : ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިނގިރޭސިވިލާތުގައި މިއަހަރު އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވުމަށްފަހު ރައްޔިތުންނަށް އޮޅުވާލައިގެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އޭނާގެ ސަރުކާރުގެ އިސްވެރިން އެފިޔަވަޅުތަކާ ޚިލާފުވެވަޑައިގެންނެވި މައްސަލައެއް ބޭޒާރުވެއްޖެއެވެ.
އިނގިރޭސި ނޫސްތައް ބުނާގޮތުން މިމައްސަލަ ބޭޒާރުވުމުން އިނގިރޭސި ރައްޔިތުންވަނީ ރުޅިގަދަވެފައެވެ. މިއާއެކު ބޮރިސް ޖޯންސަންގެ މަގްބޫލުކަން ރައްޔިތުންގެ މެދުގައި ދަށަށްގޮސްފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭ އަކުންވަނީ ހާމަވެފައެވެ.
ލަންޑަންގައި ނުކުން "ޓައިމްސް" ނޫހުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ބޮރިސް ޖޯންސަން ގެ ކޮންޒަވެޓިވް ޕާޓީއަށް ރައްޔިތުން ކުރާ ތާއީދު މިހާރުވަނީ 33 އިންސައްތައަށް ދަށަށްގޮސްފައެވެ. އަދި އިދިކޮޅު ލޭބާ ޕާޓީގެ ތާއީދުވަނީ 37 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
އިނގިރޭސި ޓެބްލޮއިޑް ނޫސްތައް ބުނާގޮތުން ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އޭނާގެ ސަރުކާރުގެ އިސްވެރިންވަނީ ޖޯންސަންގެ ރަސްމީ އެޕާޓްމެންޓަށް ވަޑައިގެން ގައިދުރުކަމެއް ނެތި ސިއްރިޔާތުގައި މަޖާކުރުންތަކާއި ބަނގުރާ ބުއިމުގެ ޕާޓީތަކާއި ހަފްލާތައް އެކިފަހަރުމަތިން ބާއްވާފައެވެ. އަދި މިކަން ސިއްރުކުރުމަށް ޓަކައި ޖޯންސަން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރެއްވިކަންވެސް މިހާރުވަނީ ފަޅާއަރާފައެވެ.
މިމައްސަލާގައި އިނގިރޭސި ރައްޔިތުން ޖޯންސަންދެކެ ރުޅިއައިސް އެ މީހުންގެ ރުޅިގަނޑު ސޯޝަލް މީޑިއާގައި ހާމަކުރަމުން ގެންދާއިރު ޖޯންސަންއަކީ 2020 ގައި އިނގިރޭސިވިލާތުގައި ކޮވިޑް އާ ދެކޮޅަށް ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެންވެސް އޭނާގެ އެޕާޓްމެންޓަށް ރައްޓެހިން ގެނަސްގެން ޕާޓީތަކާއި ހަފްލާތައް ބާއްވައި މަޖާކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ އަމަލުތަކެއް ހިންގެވިކަމުގެ ތާރީޚެއް އޮތް ބޭފުޅެކެވެ.
އެފަހަރު އެކަން ފަޅާއެރުމުން ޖޯންސަންވަނީ އެހެން ގޮތެއްނެތިގެން އެކަމަށް އެއްބަސްވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އިނގިރޭސި ނޫސްތައް ބުނާގޮތުން މައާފަށް އެދިވަޑައިގެންނެވިއިރުވެސް އެ މައްސަލާގައި ޖޯންސަން ވަނީ ރައްޔިތުންނަށް އޮޅުވާލައްވައި މަތިމަތިން އިތުރުފުޅު ހައްދަވާފައެވެ.
އެދުވަސްވަރު ނެގި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އެމައްސަލާގައިވެސް ޖޯންސަން އިތުރުފުޅު ހެއްދެވިކަމަށް އިނގިރޭސި ރައްޔިތުންގެ 86 އިންސައްތަ މީހުން ގަބޫލުކުރެއެވެ. އިނގިރޭސި ބޮޑުވަޒީރު ޖޯންސަންގެ މިއޮޅުވާލުންތަކާއެކު ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް އިނގިރޭސިވިލާތަށް އަނެއްކާ މިވަނީ ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން ގެ ރާޅެއް ބިންދާލާފައެވެ.
އޮމިކްރޯން އެންމެ ބާރަށް ފެތުރޭގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. މިކަމާގުޅިގެން އިނގިރޭސިވިލާތުގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ވަނީ ފަށާފައެވެ. ނަމަވެސް ކުރީ ފަހަރުތަކާ އެއްގޮތަށް ފުރަބަންދަކަށް ދާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ދުރުކަމެއް ނޫންކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.