މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން އައި ޕައިލޮޓޭޖް ފީތައް ކުޑަ ކުރަން އެ ކުންފުނިން ނިންމުމާ ގުޅިގެން ރާއްޖެ އައުމަށް ކުރޫޒް ލައިނާތަކުން ޝައުގުވެރިކަން ފާޅު ކުރަން ފަށާފައިވާ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން މިއަދު ބުނެފިއެވެ.

ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ގަޑިއިރަކަށް 16,330.52 ރުފިޔާއެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ފީ ވަނީ ބޮޑުތަނުން ބޮޑު ކޮށްފައެވެ. މިހާރު އެކަމަށް ގަޑިއިރަކަށް 74,458.56 ރުފިޔާ ނަގައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަންޖެހެއެވެ.

ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެއާދެއެވެ. މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ނާންނާތީ އެ ސެކްޓާއިން ޓޫރިސްޓަކު ރާއްޖެ ނާދެއެވެ. ސަބަބަކީ ޕައިލޮޓޭޖް ފީތައް ބޮޑުވުމެވެ.

އެކަމާ ކަންބޮޑުވުން ފާޅު ކުރުމާއެކު، އެމްޕީއެލްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕައިލޮޓޭޖް ފީތައް ކުޑަ ކުރަން ނިންމައިފައެވެ.

މާޔާގެ ރައީސް އަދި އައިލެންޑް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އަގުތައް ކުޑަކުރުމާއެކު ކުރޫޒް ލައިނާ ތަކުން ރާއްޖެ އައުމަށް ތައްޔާރީތައް ވާން ފަށައިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ދެ ކުރޫޒް ލައިނާއެއް ރާއްޖެ އައުމަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދިވެސް އެމްޕީއެލްއިން އެ އަގުތައް ޕަބްލިޝްއެއް ނުކުރޭ. ކުރީމައި އިތުރު ކުރޫޒް ލައިނާތަކުން އަންނަން ބޭނުން ވާނެކަން ޔަގީން،" ނަޝީދު ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕެސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް މިހާރު އެވަރެޖުކޮށް 50 ޕަސެންޓު ކުޑަކޮށްފައި ވާނެ ކަމަށެވެ. އަދި ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ)ތަކަށް ނަގާ ޕައިލެޓޭޖް ފީ ވެސް 20 ޕަސެންޓާ ހަމައަށް ކުޑަކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ފީތަކަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ރާއްޖެ އަކީ ކުރޫޒް ލައިނާތަކަށް ޓޫރިސްޓުން އެރުވުމަށާއި ބޭއްލުމަށް ބޭނުން ކުރި ބަނދަރެކެވެ. އަދި ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެއީ މީހުން ބޭލުމަށް ކުއްޔަށް ނަގާ ފެރީތަކަށާއި ތެލާއި ފެން އެޅުމުގެ އިތުރުން ޓޫރިސްޓުން މާލެ ފައިބައި ކުރާ ހޭދަތަކުންނެވެ. ކުރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފައިބާ ދުވަސްތަކަކީ ޓެކްސީތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބޭ ދުވަހެކެވެ. ނަމަވެސް މިހާރު ވަނީ އެކަންކަން ހުއްޓިފައެވެ.