ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސިޓީއެއް ހުށަހަޅަން ރައީސް އޮފީސް ކައިރިއަށް އެއްވެ އެމްޑީޕީ އަންހެނުން މިއަދު މުޒާހަރާ ކުރަން ފެށުމުން ޕްރެޝަރުގައި ފެންޖަހައި އެއްވުން ރޫޅާލައިފި އެވެ.

މިއަދު މެންދުރުފަހު އެމްޑީޕީ އަންހެނުންތަކެއް ރައީސް އޮފީސް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން ދިޔައިރު އެމީހުން ހުށަހަޅަން ބޭނުންވާ ސިޓީ ރައީސް އޮފީހަށް ވަދެ ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ދީފަ އެވެ. ނަމަވެސް އެއްވި މީހުން ރައީސް އޮފީސް ދޮރުމަތީ އިށީނދެ މުޒާހަރާ ކުރަން ފެށުމާއެކު ރައިޔަޓް ގިޔަރުގައި ތިބި ފުލުހުން އެ ސަރަހައްދަށް އައިސް އެއްވި މީހުންނަށް ނަސޭހަތްތެރިވާން ފެށި އެވެ.

ފުލުހުން އެތަށް ފަހަރެއްގެ މަތިން ނަސޭހަތްތެރިވުމަށްފަހު ފުލުހުންގެ އިންޒާރުތަކަށް އެއްވި މީހުން ކިޔަމަން ނުވުމުން އެމްއެންޑީއެފުން ވަނީ އެއްވެ ތިބި މީހުންގެ ގަޔަށް ލޮނު ފެންޖަހައިގެން މުޒާހަރާ ރޫޅާލާފަ އެވެ. މުޒާހަރާ ރޫޅާލުމަށް އެތަށް ފަހަރެއްގެ މަތިން ސަލާމަތީ ބާރުތަކުން ފެންޖެހި އެވެ.

ފަހަކަށް އައިސް މުޒާހަރާތަށް ރޫޅާލުމަށް ސިފައިން ފެން ބޭނުންކުރާއިރު މީގެ ކުރިން މޭ 2010 ވަނަ ދުވަހުގެރޭ ކަރަންޓް އަގުބޮޑުވުމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ސްޓެލްކޯ ކުރިމަތީ ކުރި މުޒާހަރާއަށްވެސް ފުލުހުން ހައިޕްރެޝަރުގައި ފެންޖަހާ އެ މުޒާހަރާ ރޫޅާލި އެވެ.

ރައީސް އޮފީސް ސަރަހައްދުގައި ތިބި މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ބައެއް މީހުން ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ރައީސް އޮފީސް ކުރިމައްޗަށް އެއްވެ، އަޑުއުފުލި އެއްވެސް އަންހެނަކު ފުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު މެންދުރު ވަނީ ހިއުމަންރައިޓްސް ކޮމިޝަނާއިވެސް ވަނީ ބައްދަލު ކޮށްފަ އެވެ. އެމްޑީޕީ އަންހެނުން ރޫހުގެ ފަރާތުން 11 މެންބަރުން ބައިވެރިވި މި ބައްދަލުވުގައި އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒުރާ އަދި ނާއިބު ރައީސް އަހްމަދު ތޮލާލު ބައިވެރިވެވަޑައިގެންނެވި އެވެ.

އެޗްއާރްސީއެމްއާ ބައްދަލު ކުރެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލުކުރަމުން ގޮތްތައް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން އެޗްއާރުސީއެމްގައި ބޭނުންވާ ކަންތައް ތަކެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީ އަންހެނުންގެ ފަރާތުން ހިންގަމުންދާ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ވަނީ ބުނެފަ އެވެ.