10 Dec 2021, 22:57
ކުރީގެ ސަރުކާރުން ސުޕްރީމު ކޯޓުން ޓިނު ނެގުމަކީ އިންޑިއާއާ ބެހެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ "ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާއިން ދާހިލީ ކަންކަމާ ބެހޭ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސުޕްރީމް ކޯޓުން ފުރާޅު ނެގީ ކީއްވެކަން ވިދާޅުވެދެއްވައިފައެވެ. ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ޓިނު ނެގުމުން އަވައްޓެރި އެއްވެސް ގައުމަކަށް އުނދަގުލެއް ނުވާ ކަމަށާއި އެއީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށް ވުމުން ކަމަށެވެ.
"އަޅުގަނޑު ވެރިކަމުގައި ހުންނެވިއިރު އަޅުގަނޑު ރައްޔިތުންނަށް ކިޔައިދިނިން އެކަން ހިނގައިދިޔަ ގޮތް، ސުޕްރީމް ކޯޓުން ފުރާޅުން ޓިނު ނެގިތޯ، ޓިނު ނަގަން ޖެހުނީ ކީއްވެތޯ، އެ އަމުރު އަޅުގަނޑުމެން ނެރެން ޖެހުނީމަ އަޅުގަނޑުމެންގެ އަވައްޓެރި އެއްވެސް ގައުމަކަށް އުނދަގުލެއް ނުވޭ، އެއީ ދާހިލީ ކަންކަން އެ ކަންކަމަކާ ނުބެހެވޭނެ،" ޔާމީން ވިދާޅުވިއެވެ.
އެހެންނަމަވެސް އިންޑިއާއިން އެކަމަށް ދެކޮޅު ހަދައިފައިވާ ކަމަށާއި އިންޑިއާއިން އެކަމާ ގުޅިގެން ސުވާލުކޮށް، ރާއްޖެއަށް ތިން ސިޓީ ފޮނުވި ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ތިން ސިޓީގައި ވެސް އިންޑިއާ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބާރު އަޅައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ސިޓީއަށް ޖަވާބު ދިނިން، ވަރަށް ޕޮލައިޓްކޮށް، ވަރަށް ޑިޕްލޮމެޓިކްކޮށް ކިޔައިދީފަ، ދެވަނަ ސިޓީގަ އަޅުގަނޑުމެންނަށް ވެސް އުނދަގޫވި، ތިން ވަނަ ސިޓީއަށް އަޅުގަނޑުމެން ޖަވާބެއް ވެސް ނުދެން، އެއީ ޖަވާބު ދިނުމުގެ ބޭނުމެއް ނެތީ،" ޔާމީން ވިދާޅުވިއެވެ.
ހަމައެހެންމެ އެއީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށާއި އެކަމާ އިންޑިއާއަށް ބެހެވިގެން ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މިހާ ވަރަށް އަޅުގަނޑުމެންގެ ދާހިލީ ކަންކަމަށް މި ވަންނަނީ ކީއްވެގެންތޯ، މިހާ ވަރަށް އަޅުގަނޑުމެންގެ ދާހިލީ ކަންކަމަށް ވަންނަން ޖާގަ މިދެނީ ކީއްވެގެންތޯ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ސުޕްރީމްކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭނެކަމަށެވެ. އަދި އެއީ ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މަޖުބޫރުވީ އެ މާއްދާ އުވާލުމަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.