10 Dec 2021, 22:25
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށާއި މިހާރު އެ ފައިސާ މަސްވެރިންނަށް ދީ ހަލާސްކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ދުވަސްވަރު ދިވެހި އިގްތިސޯދު ނުހުއްޓި ހިނގަހިނގާ އޮތީ ދިވެހިންގެ ލޭނާރު، މަސްވެރިކަމުގެ ސަބަބުން ކަމަށެވެ.
މަސްވެރިކަމާ ދިވެހިންނާ އޮތް ގުޅުމަކީ، ސިޔާސީ މީހުންގެ އިންތިޚާބީ ހަތިޔާރަކަށް މަސްވެރިކަން ހަދާ ސަބަބު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެހެންނަމަވެސް އިހުލާސްތެރިކަމާއެކު މަސްވެރިކަމަށް ދެވިފައި އޮތް ސަމާލުކަން މީގެ ކުރިން ކުޑަ ކަމަށެވެ.
ކަން އެހެން އޮތުމާއެކު، މި ސަރުކާރުން ވެރިކަމާ ހަވާލުވި މިސްރާބު ތަފާތުވާނެ ކަމަށާއި އެކަން ހިސާބު އަދަދުތަކުން ވެސް ފެންނަން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށެވެ. އެ ތަކުލީފު މަސްވެރިން އުފުލަން ޖެހުމަކީ ވެގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"އެތައް ދުވަހަކު ކަނޑު ތަހަންމަލު ކުރުމަށް ފަހު، ޢާއިލާ އާއެކު ރަށުގައި ހުންނަ ދުވަހު، އެފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ. އެދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ، ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުގައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތަށް މިލިއަން ރުފިޔާއެއް ހުރީ ނުދީ، ބެޔަސް ނުދީ، އަދި ހަމަ ނުބެޔަސް ނުދީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ބޮޑު ސިޔާސަތަކަށްވީ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ހަލާސްކުރުން ކަމަށާއި މަސްވެރިންނަށް ފައިސާ ނުދީ، އެ ފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮއްގެން، އޭގެ މަންފާ ނުހޯދުން ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 5.39 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މިހާރު އެ ފައިސާ މަސްވެރިންނަށް ދީ ހަލާސްކޮށްފައިވާ ކަމަށެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްގު، ޙަލާލު މިދެންނެވި ފައިސާ، ދީ ހަލާސް ކުރުން، އިރާދަ ކުރެއްވީތީ އެކަންވަނީ ކޮށްނިމިފަ. ރައްޔިތުންގެ ލޯލާރިއަކަށް ވެސް އަޅުގަނޑު ޚިޔާނާތްތެރިއެއް ނުވާނަން، ވެރިކަމުގެ މަސްއޫލިއްޔަތާ ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެނެއްނުދާނެ،" ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް އަގު ދިނުމުގެ އިތުރުން، މަހަށް ހަމަ އަގު ހޯދައިދިނުމަކީ ވެސް އިސްކަންދޭ ކަމެއް ކަމަށާއި އެކަން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކަން ވާން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.