ނ. މާފަރުން ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުން އެ ރަށް މޮނިޓަރިންއަށް ލާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

މާފަރުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ރޯގާގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ އެ އަތޮޅު މަނަދޫގައި ހުންނަ ނ. އަތޮޅަށް ގޮސް ޑޮކްޓަރަށް ދައްކާ ޓެސްޓު ކޮށްފައެވެ. އަދި ނަތީޖާ ލިބުނު އިރު އޭނާ ވަނީ ޕޮޒިޓިވް ވެފައެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން "ސަން"އަށް ވިދާޅުވީ މުވައްޒަފު ގަޔަށް ބަލި އެރިގޮތެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ބަލި ޖެހިފައިހުރި މީހަކާ އޭނާ ކޮންޓެކްޓްވީ ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ.

"އެއާޕޯޓަކީ ވަރަށް ގިނަ މީހުން ގޮސް އައިސް އުޅޭ ތަނެއް. އެހެންވީމަ ވަރަށް ގިނަ މީހުންނަށް އޭނާ ހިދުމަތް ދޭނެތާ. ބަލިވެގެން ފުރަން އަންނަ މީހުން ވެސް ތިބޭނެތާ. ބޮޑަށް މި ބެލެވެނީ އެކަހަލަ ދިމާލަކުން ޑައިރެކްޓް ކޮންޓެކްޓެއް ވެފައި ހުރީ ކަމަށް،" މުހައްމަދު ވިދާޅުވިއެވެ.

މާފަރުން މިހާތަނަށް 86 ސާމްޕަލް ޓެސްޓު ކޮށްފައިވެއެވެ. އަދި އެ ރަށުން ކޮވިޑަށް 30 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން، އެ ރަށުގެ 46ގެ ވަނީ ކަރަންޓީނު ކުރެވިފައެވެ. މުހައްމަދު ވިދާޅުވީ އެ ރަށުގައި މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާ ކަމަށެވެ.

މޮނިޓަރިންއަށް ލައިފައި މިހާރު އޮތީ 12 ރަށެވެ. އެ ރަށްތަކަކީ:

  • ސ. ހިތަދޫ

  • ސ. މަރަދޫ
  • ސ. މަރަދޫފޭދޫ
  • ސ. ފޭދޫ
  • ސ. ހުޅުމީދޫ
  • މ. މުލައް
  • ނ. މިލަދޫ
  • ނ. ވެލިދޫ
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • އދ. މާމިގިލި
  • ނ. މާފަރު

މާފަރަކީ ކޮންމެ ދުވަހަކު ވެސް އެތައް ފަތުރުވެރިންތަކެއް ކުރާ ރަށަކަށް ވާއިރު އެ ރަށް މޮނިޓަރިންއަށް ލުމުން ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާނެއެވެ.