10 Dec 2021, 20:05
މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ކައިވެންޏަކަށް ބޮލީވުޑު ތަރި ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނި ވާނެއެވެ. ރާޖަސްތާނުގެ ސިކްސް ސެންސަސް ހޮޓަލުގައި ކުރިއަށްދިޔަ ގިނަ ކައިވެނީގެ ހަރަކާތްތަކަކަށްފަހު، ދެ ތަރީން ކައިވެނިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކައިވެންޏަށްފަހު ކެޓްރީނާއާއި ވިކީގެ ހަނީމޫނަށް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ދެ ތަރިން ރާއްޖެ އައިސްފައިވަނީ މުމްބާއީން ޕްރައިވެޓް ޖެޓެއްގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ދެތަރީން މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރަންދެލި ރިސޯޓުގައެވެ.
އިންޑިއާގެ ނޫސްރިޕޯޓުތައް ބުނާ ގޮތުގައި ކައިވެންޏަށްފަހު، ދެ ތަރީން މާމުއި ހަނދުގެ ދުވަސްތަކުގައި ދެ މަސް ދުވަސް ހޭދަކުރާނެއެވެ. އެހެންނަމަވެސް ދެ މަސް ހޭދަކުރާނީ ރާއްޖޭގައި ކަމެއް ނުވަތަ އެހެން ގައުމަކަށް ދާނެ ކަމަކަށް މިހާތަނަށް އެނގިފައެއްނުވެއެވެ.
ވިކީއާއި ކެޓްރީނާގެ ހަނީމޫނު ހޭދަކުރާނީ ބޮލީވުޑުގެ ތީމްތަކަކަށް ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ވިކީއަކީ ބޮލީވުޑުގެ މަޝްހޫރު ގިނަ ފިލްމުތަކަކަށް ލޯބިކުރާ ތަރިއަކަށްވުމުން، "ތީމްޑް ހަނީމޫން"އެއް ހޭދަކުރުމަކީ ދެ ތަރީން ވެސް ބޭނުންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިކީއާއި ކެޓްރީނާ ވަނީ ސިއްރުން ބޭއްވި ކައިވެނީގެ ހަފްލާގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އެއާއެކު އެތައް ބަޔަކު ދެމީހުންގެ ކައިވެންޏަށް މަރުހަބާ ކިޔާފައިވާއިރު މުޅި މީސްމީޑިއާ މި ދެ ދުވަހު ފުރާލައިފައި ވަނީ ދެމީހުންގެ ކައިވެނީވެ ފޮޓޯތަކުންނާއި މަރުހަބާގެ ލިޔުންތަކުންނެވެ.
ކެޓްރީނާއާއި ވިކީ ކައިވެނިކޮށްފައިވާއިރު، ދެ މީހުން ވެސް މީގެ ކުރިން އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ދެ ތަރީން ލޯބީން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރުވެދާނެއެވެ.