06 Mar 2012, 14:50
ފެބްރުއަރީ 8، 2012 ވަނަ ދުވަހުގެ ދައުލަތާއި އަމިއްލަ ބައެއް ފަރާތްތަކުގެ މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުން ދިން މައްސަލާގައި އިތުރު އަށް މީހެއްގެ މައްސަލަ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީ އިސްވެ އޮވެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރި މުޒާހަރާތަކާ ގުޅިގެން، ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ތަންތަނަށް ގެއްލުންދީ ހުޅުޖެހި މައްސަލާގައި 11 މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަތަކާ އެކު ޖުމްލަ 19 މީހުންގެ މައްސަލައެއް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ރައީސް ވަހީދުގެ ސަރުކާރުގެ ފުރަތަމަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރެއިން 150 އަށް ވުރެ، ގިނަ މީހުންގެ މައްޗަށް އެކި ކުށުގެ ތުހުމަތު ކުރެވިގެން ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. އެމީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ "އައްޑޫ ބޮޑު ހުޅުޖެހި" މައްސަލާގައި ހިމެނޭ މީހުންނެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެ މައްސަލަތަކުގައި ހިމެނޭ ހުރިހާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ އެ މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާނީ ގާނުނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބުތަކުގެ ދަށުން ކަމަށެވެ.