10 Dec 2021, 18:22
ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ބްރެޒިލް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބްރެޒިލަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެއީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އަދި 37 އަހަރުގެ ނައިރު ނުނެސް ޑިސްސޫޒާ އެވެ. އެހެންނަމަވެސް މައްސަލައިގެ އުންސުރު ހަމަނުވާތީ އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ.
ކްރިސްޓިއާނޯގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް, ގެންގުޅެ, ވިޔަފާރިކުރަން އުޅުނު ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލަައިގެ ޝަރީއަތް ނިމެންދެން ކްރިސްޓިއާނޯ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓުގައި ކްރިސްޓިއާނޯގެ ވަކީލުން ވަނީ ފުލުހުންގެ މަސްތުވާތަކެތި ފެނުނު ލަގެޖުގައި ހުރީ 22 ކިލޯ ކަމަށާއި، ކްރިސްޓިއާނޯގެ ލަގެޖުގެ ބަރުދަން ރާއްޖެއިން ބޭރުން ބެލިއިރު އޭގައި ހުރީ 17 ކިލޯ ކަމަށް ވުމުން މަސްތުވާތަކެތި ހޯދި ލަގެޖަކީ އޭނާގެ ލަގެޖެއް ނޫންކަމަށް ވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.
ހަމައެހެންމެ މަސްތުވާތަކެތި ފެނުނު ލަގެޖަކީ ކްރިސްޓިއާނޯގެ ލަގެޖެއް ނޫންކަމަށާއި، އިމިގްރޭޝަނުގެ ސީސީޓީވީ ފުޓޭޖަށް ބެލުމުން އޭނާ ގެނައި ލަގެޖުގެ ކުލައަކީ ކަޅުކުލަކަން އެނގޭނެކަމަށާއި، މަސްތުވާތަކެތި ފެނުނު ލަގެޖުގެ ކުލައަކީ އަޅިކުލަ ކަމަށްވުމުން، މަސްތުވާތަކެތި ފެނުނު ލަގެޖާ ކްރިސްޓިއާނޯއާ ގުޅުމެއް ނުވާ ކަމަށް ވެސް ދިފާއުން ބުނެފައިވެއެވެ.
ކްރިސްޓިއާނޯ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ އައު ހެއްކެއްގެ ގޮތުގައި ކަސްޓަމްސްގެ ހާދިސާ ރިޕޯޓު ހުށަހެޅުމުންނެވެ.
ކޯޓުގައި ފުލުހުން ވަނީ މަސްތުވާތަކެތި ފެނުނު ފޮށީގައި ހުރީ ޕެކިނާއެކު 18 ކިލޯ ކަމަށާއި، މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 15 ކިލޯ ކަމަށާއި، މަސްތުވާތަކެތި ފެނުނު ފޮށީގެ ބަރުދަނުގައި 22 ކިލޯ ހަމަނުވާކަމަށާއި، އެހެން ޤައުމަކުން ބަރުދަން ބެލިއިރު ކުޑަ ތަފާތެއް އައިސްފައިވުމަކީ މަސްތުވާތަކެތި ފެނުނު ލަގެޖަކީ އެހެން ލަގެޖެއް ކަމަށް ބެލުމުގެ
ފުރުޞަތު އޮތްކަމެއް ނޫންކަމަށް ބުނެފައެވެ.
ހަމައެހެންމެ މަސްތުވާތަކެތި ފެނުނު ލަގެޖުގައި ކްރިސްޓިއާނޯގެ ޓެގު ހުރިކަން ވެސް ފާހަގަކޮށްފައިވެއެވެ.