10 Dec 2021, 16:38
ކޮވިޑް-19 ބަލީގައި މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 256އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، މިއަދު މަރުވެފައި ވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއަދު މެންދުރު މަރުވި އެ ބަލިމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑްގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑްގައި މީހަކު މަރުވެފައިވެއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،754އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،625އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 1،861އެވެ.