10 Dec 2021, 16:34
ބޮޑުކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް ޓަކައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ކުރިއަށް ގެންދާ މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ފާހަގަ ކުރާ މަސްވެރިންގެ ދުވަހު ބީކޭއެމްޔޫގެ އަހަރީ ޖަލްސާ ބޭއްވުމަށް ފަހު، މެމްބަރުންގެ ޝުއޫރު ފާޅުކުރުން އޮންނާނެ ކަމަށް ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިން ތަމްސީލް ކުރާ ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު ވަނީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައެވެ.
މި އަހަރުގެ ޖަލްސާއާއި ޝުއޫރު ފާޅު ކުރުމުގެ ހަރަކާތުގައި 70-100 ވަރަކަށް މަސްދޯނީގެ މެމްބަރުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވައި ރައީސް ވަނީ ބޮޑު ކަންނެލި ކިރޭ އަގު އިތުރުކޮށް، މަސް ވިއްކޭނެ އިތުރު ގައުމުތަކަށް މާކެޓް ފުޅާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ބާނާ މަސް ތާޒާކަން މަތީ ދަމަހައްޓައި، ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ އިތުރު 18 އައިސް ޕްލާންޓް ގާއިމު ކުރުމަށާއި މާލޭ ސަރަހައްދުގައި ބަނދަރު ކުރެވޭނެ އިންތިޒާމު އެޗްޑީސީއާ ގުޅިގެން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަށް އުފައްދައި، އެ ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ބޭއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ. އެ ޖަމިއްޔާގެ ރައީސް ވިދާޅުވީ ޖަމިއްޔާއަށް އެއް އަހަރު ފުރޭއިރު، އެ ޖަމިއްޔާއިން މިދިޔަ އަހަރު ފާޅުކުރި ކަންބޮޑުވުންތަކަށް ކަމާބެހޭ ފަރާތްތަކުން އިޖާބަ ދީފައި ނުވާ ކަމަށެވެ.
އެހެންކަމުން މައިގަނޑު ގޮތެއްގައި މިއަދުގެ މުޒާހަރާގައި ފާހަގަކުރާނީ ދާދި އެއް މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަމިއްޔާއާއި ބޮޑުކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ބޮޑުކަންނެއްޔަށް ހަމަ އަގު ނުލިބި، ގަންނަ އަގު ކުޑަވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވުމެވެ.