ޕޮލިސް މީޑިއާގެ ވެރިއަކަށް ސުޕްރިންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ ނަޝްވާ މަގާމާ ހަވާލުވެވަޑައިގެންނެވީ މި މަހުގެ އެކެއްގައި ކަމަށެވެ. މި މަގާމާ ހަވާލުވުމުގެ ކުރިން ނަޝްވާ ހުންނެވީ އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމުގައެވެ.

ނަޝްވާ އަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސި ތިން އަންހެން އޮފިސަރުންގެ ތެރެއިން އެކެކެވެ.

ނަޝްވާ ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްކޮށްދެއްވާފައިވެ އެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާ ގުޅިގެން ކުށްމަދުކުރުމަށް ރާވާ ހިންގާފައިވާ ޕްރޮގްރާމްތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭމްޕް ކަމަށް ފުލުހުން ބުންޏެވެ.

ނަޝްވާ ފަސްޓް ޑިގްރީ ހާސިލުކުރެއްވީ މާސް ކޮމިއުނޭކޭޝަން އިންނެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އޭގެ އިތުރުން ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެއް ކަމަށާއި ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަގައިދެއްވާ ކަމަށް ފުލުހުން ބުންޏެވެ.

ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯޑު ވެސް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާ އިން ހޮވި ސީއެސްއާރް ލީޑަޝިޕް އެވޯޑު ވެސް ހާސިލުކޮށްފައިވެއެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑު ވެސް ލިބިފައިވެއެވެ.