06 Mar 2012, 14:40
ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާއަށް ގޮވާލައި އެމްޑީޕީ އަންހެނުން މާލޭގެ ބޮޑަތި މަގުތަކުގައި ރޭ މުޒާހަރާކޮށްފި އެވެ.
އެމްޑީޕީ އަންހެނުންގެ ގޮފިން އިސްނަގައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއަށް ފަހު އެމްޑީޕީގެ އަންހެނުން މަގުތަކަށް ނުކުމެ މުޒާހަރާ ފެށީ ރޭ 11:30 އެހާކަށް ހާއިރު އެވެ.
ގިނައަދެއްގެ އަންހެނުން ބައިވެރިވެ އެމްޑީޕީގެ ހިގާލުން ރާޅުގަނޑު ސަރަހައްދުން ގޮސް މަޖީދީ މަގާއި ސޯސަން މަގުގައި ހިނގާލުމަށް ފަހު އަންހެނުން މަސައްކަތް ކުރީ އޯކިޑުމަގުން ގޮސް ރައީސް ވަހީދު ދިރިއުޅުއްވާ ހިލާލީގެ ކުރިމައްޗަށް އެއްވުމަށެވެ. ނަމަވެސް ފުލުހުން ވަނީ ޒިޔާރަތް މިސްކިތާ ހިސާބުން އެމީހުންނަށް ހުރަސްއަޅާފަ އެވެ. އެމީހުން އެ ސަރަގައްދުގައި އިށީންދެ ހަމަ ހިމޭން ކަމާ އެކު 30ހަކަށް މިނެޓް ހޭދަކުރުމަށް ފަހު މުޒާހަރާ ނިންމާލީ 1:30 އެހާކަށް ހާއިރު އެބުރި ރާޅުގަނޑު ސަރަހައްދަށް އައުމަށް ފަހު އެވެ.
އެ ހިނގާލުން ނިންމާލުމަށް ފަހު ކުރީގެ އެޑިއުކޭޝަން މިނިސްޓާ ޝިފާ މުހަންމަދު މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވާ ވިދާޅުވީ އެމްޑީޕީގެ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްކަމަށާއި އަންހެނުން ކުރާމަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ. ރޭގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެއެވެ. އަދި ފުލުހުންނާއި ސިފައިން ބާރުގެ ބޭނުންވެސް ކޮށްފައި ނުވެ އެވެ.