މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރުއަތު ނެގީ ދެފުށްފެނުން ގޮތަކަށް ނޫން ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ 350 ކިލޯގެ ޕިކަޕާއި, ވޭނާއި ކާރަށް ޖާގަ ދޫކުރުމަށް، މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

މި ޕާކިންގް ސްލޮޓްތަކުގެ ގުރުނެގީ މިދިޔަ އާދީއްތަ ދުވަހުގެރޭ މާލެސިޓީ ކައުންސިލްގައެވެ.

މިކަމާ ގުޅިގެން އިއްޔެ އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ، ގުރު ނަގާއިރު، ގުރުގައި ބައިވެރިވި މީހުންނަށް ހާޒިރު ނުވެވޭގޮތަށް އެކަން ކުރިއަށް ގެންދިއުމަކީ އައިބު ކަމެއް ކަމަށެވެ.

އެނޫން ގޮތަކަށް ގުރު ނެގުން ހިންގާފައި ވަނީ، ދެފުއް ފެނުމާއި ނަޒާހާތްތެރި ކަމުގެ ސިފަތަކާ ހިލާފަށް ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، ގުރު ނެގުމުގައި ބޭނުންކުރީ، ޕާކިން ސްލޮޓަށް އެދި ހުށަހެޅުމަށް ދިން ރަސީދު ސްލިޕް ގައި އޮތް ނަންބަރު ކަން ފާހަގަ ކުރަމުން އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނީ ނަމާއި އެޑްރެސް ފަދަ އައިޑެންޓިފަޔަރެއް ނުލައި ސްލިޕް ނަންބަރު ބޭނުން ކުރުމަކީ ދެފުށްފެނުން ކުޑަ ގޮތެއް ކަމަށެވެ.

ހަމައެއާއެކު ސްލޮޓަށް އެދި ހުށަހެޅި ލިޔެކިޔުމާ ސިޓީ ކައުންސިލުން ހަވާލުވިކަމުގެ ރަސީދު ސްލިޕް ނުލިވޭ ބައެއް މީހުން ތިބި ކަމަށާއި ސްލިޕްގައި ނަންބަރު ނުޖަހާވެސް ސްލިޕް ދޫކުރިކަމަށް ނޫސްބަޔާނުގައި ފާހަގަކުރިއެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލުން ގުރުނެގީ، އެކަމަށް ކުރިމަތިލި މީހުންނަށް ނާންގައި، އެމީހުން ހާޒިރު ކުރުމަކާ ނުލައި ކަމަށާއި ގުރުގެ ސައްހަކަމާއި ނަޒާހާތްތެރިކަން ކަށަވަރު ނުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޕާކިން ސްލޮޓަށް ކުރިމަތި ލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.