ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ދައުލަތުން ދައުވާކުރާ ޗެކްބައުންސް މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ދައުލަތުން މުސްތަފާގެ މައްޗަށް ދައުވާކުރަނީ އައިލެންޑް ޓްރާންސްޕޯޓުގެނަމުގައި ހަބީބު ބޭންކުގައި ހުޅުވާފައިވާ އެކަންޓަކުން މުސްތަފާ ސޮއިކުރައްވައި ހ. އޯލްވޭސްހެޕީ ހައުސް އަބްދުﷲ ޖަލީލުއަށް ދީފައިވާ ހަތަރު ޗެކް ބައުންސްވި މައްސަލައިގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމެވެ.

މުސްތަފާގެ ގާނޫނީ ވަކީލު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުމުން އެތަނުން އެ މައްސަލަ ބަލައިގެންފައި ވަނީ ޕޮލިހަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އާންމު އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ މުސްތަފާ ޗެކް ހަވާލުކުރި ޖަމީލުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާ އިރު، އެމީހުންގެ ހެކިބަހުގައި އެއްކަމެއްގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ޖަލީލު ހޯދުމަށް ދައުވާކުރާ ފައިސާ މަދަނީ ކޯޓުގެ ހުކުމަކާ ގުޅިގެން އިބްރާހިމް ސޯލިހު ކިޔާ މީހެއްގެ ފަރާތުން ޖަމީލު އަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހަކު ބުނެފައި ވަނީ ޗެކްގައިވާ ފައިސާ ދެއްކުމަށް މުސްތަފާ އަށް އަންގައި ފޮނުވި ސިޓީއާ ހަވާލުވެ މުސްތަފާ ސޮއިކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މުސްތަފާގެ ވަކީލު ވިދާޅުވީ އެ ސިޓީގައިވާ ސޮޔާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ސިޓީ އާއި ހަވާލުވި ކަމަށް ސިޓީގައި ލިޔެފައިވާ ލިޔުމުގައި ވެސް ވަނީ މުސްތަފާގެ ލިޔުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން މުސްތަފާގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުގައިވާ ކުށުގެ ރުކުންތައް ފުރިހަމަވާތީ ކަމަށެވެ.

މުސްތަފާގެ ފަރާތުން ހޯދުމަށް ޖަލީލު ދައުވާކުރާ ފައިސާއަކީ ކުރީގެ މަދަނީ ކޯޓުގެ ހުކުމަކުން ޖަލީލުއަށް ލިބިފައިވާ ފައިސާއެއް ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ވިދާޅުވެފައި ވާތީ، މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މަދަނީ ކޯޓުގެ ގަޒިއްޔާ ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ގާޒީ ވަނީ މުސްތަފާއަށް އަންގައިފަ އެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މުސްތަފާ ހުށަހަޅުއްވާފައެއް ނުވެ އެވެ. މުސްތަފާ ވިދާޅުވީ އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު އަދި ހޯދިފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި އެ ޝަރީއަތުގެ މަޖިލީސް އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.