"މިއަދު ވާނެ އެއްނު މައުރަޒަށް ވަދެލަން ދާން. ވަރަށް ރީތި ކުރެހުންތައް އެބަ ފެނޭ އެފްބީއިން،" ނިއުސް ރޫމުގެ ބިޒީ މާހައުލުގައި މަސައްކަތުގައި އުޅެނިކޮށް އެކުވެރި ނޫސްވެރިއަކު އައިސް ބުނެލިއެވެ.

މަސައްކަތުން ކުޑަ ބްރޭކެއް ނަގައިގެން ގޮސް ނޭޝަނަލް އާޓް ގެލެރީއަށް ވަދެލީމެވެ. ރާއްޖޭގެ ހުނަރުވެރި ފަންނުވެރިން ކޮށްފައިވާ ބުރަ މަސައްކަތްތައް އެތަނުގައި ޑިސްޕްލޭ ކޮށްފައި ހުއްޓެވެ.

ފަހަރަކު ކުރެހުމަކަށް ނަޒަރު ހިންގަމުން ދިޔައީމެވެ. ކޮންމެ ކުރެހުމެއް ވެސް ބުނެދެނީ ތަފާތު ވާހަކައެކެވެ. އެއިން ކޮންމެ ކުރެހުމަކީ ވެސް ވަރަށް ބުރަ މަސައްކަތެއްކަން ޔަގީނެވެ.

ކުރެހުންތައް ބަލަމުން ދަނިކޮށް، ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ތަފާތު ކުރެހުމެކެވެ. އެ ކުރެހުމުގެ ފޮޓޯތައް މީސްމީޑިއާއިން މީގެ ކުރިން ވެސް ފެނުނެވެ. ނަމަވެސް ހަމަ ލޮލަށް ފެނުމުން މާ ހިތްގައިމުވެފައި ޗާލުހެން ހީވެއެވެ.

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގައި ޔާންގެ ކުރެހުން ޑިސްޕްލޭ ކޮށްފައި -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

އެ ކުރެހުމުގެ ކައިރީގައި މަޑުކޮށްލައިގެން ހުރީ އެ ބުރަ މަސައްކަތް ކުރި ފަންނުވެރިޔާއެވެ. ދިވެހި ކުރެހުންތެރިންގެ ތެރޭގައި މިއަދު އަލިގަދަ ތަރިއެކެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު އާޝޯހުވާ ފަދަ މަސައްކަތްތަކެއް އޭނާ ކޮށްފައި އެބަހުއްޓެވެ.

މި ފަންނުވެރި ކުރެހުމުގެ މޭސްތިރިއަކީ އައިޝަތު ސަޖިޔާން އަބްދުއްސައްތާރެވެ. ކުޑައިރުއްސުރެ ވެސް ޔާންއަކީ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ޅަފަތުގައި، ޔާންގެ މަންމަ، އޭނާ މި ދާއިރާއިން ދިއުމަށް މަދަދުވެރިވިއެވެ. އޭރު ވެސް، އަދި މިއަދު ވެސް ޔާންގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމައެވެ.

ދިގުމިނުގައި 6.5 ފޫޓު ހުންނަ މި ކުރެހުން ތައްޔާރު ކުރަން ޔާން ހޭދަކުރީ ދެ ހަފްތާއެވެ. އެ ދެ ހަފްތާ ތެރޭގައި އޭނާއަށް މަސައްކަތުގައި ހޭދަކުރެވުނީ ގާތްގަނޑަކަށް ދުވާލަކު ފަހެއް ނުވަތަ ހަ ގަޑިއިރެވެެ.

ޔާން އޭނާގެ ކުރެހުން ކައިރީގައި މަޑުކޮށްލައިގެން --

މި ފުރިހަމަ މަސައްކަތުގައި، ޔާން ބޭނުން ކުރީ ވޯލް ޕުޓީއެވެ. މީގެ ކުރިން ވެސް ޕުޓީ ބޭނުން ކޮށްގެން ޔާން މަސައްކަތް ކުރިއެވެ. ނަމަވެސް މިފަދަ ބޮޑު މަސައްކަތެއް ޔާން ޕުޓީ ބޭނުން ކޮށްގެން ކުރި، މިއީ ފުރަތަމަ ފަހަރެވެެ. އެހެންކަމުން، ޔާން މި މަސައްކަތް ކުރީ ޕުޓީ ބޭނުން ކުރަން ދަސްކުރަމުންނެވެ.

"މުޅި އެތި އެއީ ޕުޓީ، ފްރޭމް ވެސް އެ އިނީ ޕުޓީއިން ހަދާފަ. ދެން ޕުޓީ ގާނާފަ އެކްރެލިކް ޕެއިންޓް ޕުޓީ މަތިން ލައިފަ، ފޮތި އިންނާނެ ބޭނުން ކޮށްފަ ފެބްރިކްއަށް، އެކަމު އިސްތަށިގަނޑާ އެހެން ހުރިހާ އެއްޗެއް އެއީ ޕުޓީ، މޫދުގެ ޓެކްސްޓާއަށް ވެސް އެއީ ޕުޓީ،" ޔާން އޭނާގެ މަސައްކަތާ ބެހޭގޮތުން ކިޔައިދިނެވެ.

މި ކުރެހުމުގެ ހިޔާލު، ޔާން އޭނާގެ ބޮލުތެރޭގައި ގެންގުޅޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މީގެ ކުރިން މި މަސައްކަތް ކުރާނެ ތަނަކާއި ވަސީލަތެއް އޭނާގެ އަތަކު ނެތެވެ. އެހެންވެ، އެކަންކަން ކުރެވޭނެ ފުރުސަތު ލިބެންދެން އޭނާ ހުރީ މަޑުކޮށްގެންނެވެ.

ކުރެހުމުގެ މަސައްކަތް ކުރަމުންދިޔައިރު ނަގައިފައިވާ ފޮޓޯއެއް --

ޔާންގެ މި ކުރެހުމުން ދިވެހިވަންތަކަން ދައްކުވައިދެއެވެ. ފެންނަނީ ބިއްލޫރިކޮޅެއްހާ ޗާލޫ މޫދެއްގެ ތެރޭގައި އަންހެނަކު "ފްލޯޓް" ކުރަން އޮއްވާއެވެ. ދިވެހި ލިބާހެއްގައި އެ މީހާ އޮތުމުން، މި ކުރެހުމުން ދިވެހިވަންތަ އަސަރު މާ ބޮޑަށް ގެނެސްދެއެވެ.

ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ، ޔާން ދީފައިވާ ނަމަކީ "އުދުހިލާ"އެވެ. އެ ފޮޓޯ ބަލާ މީހަކަށް، "ހިތްހަމަޖެހުމުގެ" އިހްސާސެއް ކުރެވުމަކީ ޔާންގެ އެއް މަގުސަދެވެ.

"އައި އެމް އަ ޕައިލެޓް، ސޯ ފޯ މީ ފްލައިން އިޒް އަ ރިލީފް،" ޔާން ބުނެލިއެވެ.

ޔާންގެ މި ބުރަ މަސައްކަތަށް މި އަހަރުގެ މައުރަޒުން މިކްސް މީޑިއާ ކެޓަގަރީން "މޮސްޓް ވައިބްރެންޓް އާޓިސްޓް"ގެ އެވޯޑް ލިބުނެވެ. އެއީ ޔާންއަށް ލިބުނު ބޮޑު އުފަލެކެވެ. މިދިޔަ އަހަރު އޭނާއަށް އެ އެވޯޑު ލިބުނީ ޕެއިންޓިން ކެޓަގަރީންނެވެ.

މި އަހަރުގެ މަސައްކަތް ޔާންއަށް ހާއްސަވާ އިތުރު ސަބަބެއް ވެސް އެބައޮތެވެ. މި ކުރެހުމަކީ ރާއްޖޭގައި މިހާތަނަށް އޮފިޝަލްކޮށް ބީލަމަށް ހުޅުވާލި ފުރަަތަމަ ކުރެހުމަށް ވާތީއެވެ. ބީލަން ފެށޭ އަގަކީ 30،000 ރުފިޔާއެވެ. ބީލަމުގައި ރެޖިސްޓާ ވުމަށް ޖެހޭނީ ފޯމެއް ފުރާލާށެވެ. މި ފޯމު އޭނާގެ އިންސްޓްގްރާމް އައިޑީގެ ބަޔޯގައި ވެސް ހިމަނައިފައިވެއެވެ.

ޔާންގެ މަގުސަދަކީ ކުރެހުންތައް ބީލަމަށް ހުޅުވާލަން ރާއްޖޭގެ ފަންނުވެރިންނަށް ހިތްވަރެއް ދިނުމެވެ. މިކަމަކީ ރާއްޖޭގައި އެތައް ދުވަހެއް ކުރިން ފެށިފައި އޮންނަން ޖެހޭ ކަމެއް ކަމުގައި ޔާން ގަބޫލު ކުރެއެވެ. އަދި މިކަން ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގެ ފަންނުވެރިންނަށް އިތުރު ހަރުފަތެއް ކުރިއަށް ޖެހިލެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

މި މައުރަޒަށް ވަންނަ ކޮންމެ މީހެއްގެ ފޯނުގެ ކެމެރާގެ ލެންސު ވެސް އަމާޒު ވަނީ ޔާންގެ މި ހިތްގައިމު ކުރެހުމަށެވެ. އެ ކުރެހުން ކައިރިއަށް މައުރަޒަށް ވަންނަ ގިނަ ބަޔަކު ޖަމާވަނީ ވެސް އެ ކުރެހުމުގެ ފުރިހަމަކަމުގެ ސަބަބުންނެވެ. ބުރަ މަސައްކަތެއް ކުރެވި، އެ މަސައްކަތް އާއްމުން ބަލައިގަންނާތީ އެއީ ޔާންއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.