އަވައްޓެރި ސްރީލަންކާއާއި ރާއްޖެ މިރޭ ކުޅުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗުން، ތިން ސެޓުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މައްޗަށް ލަންކާއިން ކުރި ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ކުޅުނު މެޗު ސްރީލަންކާ ތިން ސެޓުން ކާމިޔާބުކުރިއިރު، އެންމެ ފުރަތަމަ ސެޓުން ލަންކާ މޮޅުވީ 13-25 އިންނެވެ. ދެވަނަ ސެޓު 14-25 އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު ކާމިޔާބުކުރީ 18-25 އިންނެވެ.

މިރޭގެ މެޗަކީ ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ މެޗެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

މިރޭގެ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއެވެ. އަދި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް މެޗު ފެށުމުގެ ކުރިން ޖާޒީ ބައި ހަވާލިކޮށްދެއްވާފައެވެ. ރާއްޖެ ގައުމީ ވޮލީ ބޯޅަ ޓީމުން ޖާޒީބަޔާއި ހަވާލުވީ ވޮލީގައި ގިނަ ކާމިޔާބީތަކަކާއި ރަން ވަނަތަކެއް ހާސިލުކުރި އަދި ރާއްޖެ ޓީމުގެ ކެޕްޓަން މުހައްމަދު ސާޖިދެވެ.

މިރޭގެ މެޗުގައި ކޮންމެ ސެޓަކަށްފަހު ރާއްޖެ އައީ ކުޅުން ވަރުގަދަ ކުރަމުންނެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ ކުޅުނު ވޮލީ މެޗަކަށް ވާއިރު މި މެޗުން ބަލިވިނަމަވެސް ރާއްޖޭގެ ޓީމުން ވަރަށް ހިތްވަރުކުރިއެވެ.

ހަމައެހެންމެ، ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު ފައިރޫޒް ސްރީލަންކާ އިން އުފެއްދި ގިނަ ހަމަލާތައް ބްލޮކް ކުރިއެވެ. ސްރީލަންކާ ޓީމުގެ ކުޅުންތެރިންނަކީ އިސްކޮޅުން ދިގު ކުޅުންތެރިންނަށްވާއިރު އެ ޓީމު ވަނީ ދާދި ފަހުން މުބާރާތެއްގައި ބައިވެރިވެފައެވެ.

މިރޭގެ މެޗާ ބެހޭގޮތުން ރާއްޖޭގެ އެފްއައިވީބީގެ ލެވެލް 3 ގެ ކޯޗު މުހައްމަދު ޝާފީ "ސަން"އަށް ބުނީ ރާއްޖެ ޓީމު އެމެޗު ކުޅުނީ ވަރަށް މަދު ދުވަސްތަކަކު ޕްރެކްޓިސްކޮށްފާކަމަށްވާއިރު ލަންކާ ޓީމު ދާދި ފަހުން މުބާރާތެއްގައި ބައިވެރިވެ އެޓީމު އޮތީ ވަރަށް ފޯމުގައި ކަމަށެވެ.

"ރާއްޖެ ޓީމަށް ކޮވިޑްގެ ސަބަބުން ކޮންޓިނިއަސްކޮށް ކުޅޭނެ ދަނޑެއް ވެސް ނުލިބުނު. ގާތްގަނޑަކަށް 15 ވަރަކަށް ދުވަހު ޕްރެކްޓިސް ކުރީ ވެސް ރާއްޖެ ޓީމު. އެހެންނަމަވެސް ރާއްޖެ ޓީމުން މި މެޗުގައި ހިތްވަރު ކުރި،" ޝާފީ ބުންޏެވެ.

މީގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް "ސަން" އަށް ވިދާޅުވީ މިރޭގެ މެޗު ކުޅެވުނީ ރާއްޖޭގެ ވޮލީބޯޅަ ޓީމުގެ ފެންވަރުން ނޫން ކަމަށެވެ.

"މިރޭގެ މެޗު ކުޅެވުނީ އަޅުގަނޑުމެންގެ ފެންވަރަކުން ނޫން. ރާއްޖެ ޓީމަށް މިއަށްވުރެ ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމަށް ގަބޫލުކުރަނީ. އެހެންނަމަވެސް މިބަލަނީ މިއީ އަދި ފެށުމެއް ކަމަށް" ރަނޭޝް ވިދާޅުވިއެވެ.

ސެންޓްރަލް ޒޯނު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާދަމާ އަދި މިއަންނަ އާދިއްތަ ދުވަހު ވެސް ލަންކާ އާއެކު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

ސެންޓްރަލް ޒޯން މުބާރާތަކީ މިއަންނަ މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިި މުބާރާތުގައި ރާއްޖޭގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝަ އަދި އުޒްބެކިސްތާނު ވެސް ވާދަކުރާނެއެވެ.