09 Dec 2021, 19:45
ތިރީސް ހަތް އަހަރުގެ އިހުލާސްތެރި ހިދުމަތަށް ފަހު، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ.
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ޒަކަރިއްޔާ މަންސޫރުއާ ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާއެވެ.
މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާއި ގުޅިލެއްވީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.
މިވީ ދިގު މުއްދަތުގައި ޒަކަރިއްޔާ މަންސޫރުވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ.
ކޯސްޓްގާޑުގައި ޒަކަރިއްޔާ މަންސޫރު ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ މަންސޫރު ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއާމަންކަން ހިމެނެއެވެ.
މީގެ އިތުރުން ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ވެސް ހިމެނެއެވެ.
ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު، ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
ސިފައިންގެ ހިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ޒަކަރިއްޔާ މަންސޫރަށް ލިބިލައްވާފައެވެ.