މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދަން ހިންގަން ހަމަޖެއްސި ޓެލެތޯނު ފަސްކޮށްފިއެވެ.

މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވިޔަސް، އެތަންތަން މަރާމާތު ކުރަން ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސާފައިނުވާތީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓެލެތޯނެއް ހިންގަން ނިންމާފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ، މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ޓެލެތޯން ބާއްވަން ކުރިން ނިންމާފައި ވަނީ މާދަމާ، ސަލްޓަންޕާކުގައެވެ.

ނަމަވެސް މިއަދު ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ޓެލެތޯން ފަސްކުރީ އެކަމަށް އަދި ވަގުތު ބޭނުންވާތީ ކަމަށެވެ.

"އަދިވެސް އެއަށް އިތުރު ވަގުތު ބޭނުންވާކަމަށް، މިކަމުގަ އިންވޯލްވާ ވަރަށް ގިނަ ފަރާތްތަކުން އެބަ އެދިލައްވާ. އެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތެއް އަދިވެސް ފަންޑް ރައިޒް ކުރުމުގަ، މި މަސައްކަތް ކުރުމުގަ ބޭނުންވާތީ، 10 ވަނަ ދުވަހު ބާއްވަން ނިންމި އިވެންޓް އެހެން ތާރީހަކަށް ލަސްކުރެވިފަ ވާ ވާހަކަ ފުރަތަމަ ދަންނަވާލަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާ ނަަމަވެސް ބަޖެޓަކީ ނަމެއްގައި ދީފައިވާ އެއްޗެއް ކަމަށެވެ.

"އެންމެ އެއް މިލިއަން ރުފިޔާއިން މާލޭގަ ހުރި 42 މިސްކިތް ބެލެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި އެދިގެން ވަގުފް ފަންޑުގެ ފައިސާވެސް ހަމަ ނުޖެހުނު ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިސްކިތްތަކަށް އަޅާލުން ދޫކޮށެއް ނުލާނެ ކަމަށާއި އެންމެ އިސްކަން ދޭނީ މިސްކިތްތަކަށް ކަން މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އާއްމުންނާއި ވިޔަފާރިވެރިންގެ އެހީތެރިކަމަށް އެދިގެން ވިޔަސް އެ މަސައްކަތް ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.