ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

އެ މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެ މިސްކިތުގައި އެއް ފަހަރާ 450 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މިއީ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ވަގުތީ ދެ މިސްކިތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި މިސްކިތެވެ. މި މިސްކިތް އިމާރާތް ކޮށްފައި ވަނީ ހިޔާ ފްލެޓްތަކުގެ ދެކުނު ސަރަހައްދުގައެވެ.

މި މިސްކިތް އިމާރާތްކުރަން ޔެސް މޯލްޑިވްސް ޕްރަައިވެޓް ލިމިޓެޑާ ހަވާލު ކުރީ ސެޕްޓެމްބަރު 15 ވަނަ ދުވަހުއެވެ.

އެ މިސްކިތަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ވަގުތީ މިސްކިތް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ދެވަނަ ވަގުތީ މިސްކިތުގެ މަސައްކަތް ވެސް ކުރަމުންދާ ކުންފުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ހަމައެކަނި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ "މަސްޖިދު ޢަމީލް ޖަލީލް"އެވެ. އެއީ ބޮޑުމިނުގައި 16،400 އަކަފޫޓް ހުންނަ، 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ދެވަނަ ފިޔަވަހީގައި ދާއިމީ ބޮޑު މިސްކިތެއް އަޅާނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ދާއިމީ މިސްކިތް އެޅުމުގެ ކުރިން، މިވަގުތު ގިނަ އަދަދެއްގެ މީހުން ދެވަނަ ފިޔަވަހީގައި އުޅެމުން ދިއުމާއެކު ވަގުތީ ދެ މިސްކިތް އަޅަނީ ކަމަށް އެ ކުންފުނިން ބުންޏެވެ.