13 Dec 2021, 18:23
ރާއްޖޭގެ ފަސްގަނޑަށް ވެރިވެގަނެގެން އުޅޭ އިންޑިއާގެ މިލިޓަރީ ސިފައިން ބޭރު ކުރާން ގޮވާލައި އަޑުއުފުލަން ކެރޭ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް "ސަން"އަށް ވިދާޅުވީ އިންޑިއާގެ މިލިޓަރީ ސިފައިން މި ގައުމުން ބޭރު ކުރާން ގޮވާލައި އިޖުތިޖާ ކުރައްވަނީ ހަމައެކަނި ރައީސް ޔާމީންނާއި އެމަނިކުފާނުގެ ޕާޓީގެ އިތުރުން ސަޕޯޓަރުން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް، މުހިއްމު ވާނީ ރައްޔިތުންނަށްވުރެ، އިންޑިއާ ކަމަށެވެ. އެހެންކަމުން އެ ގައުމު ރުއްސުމަށް ޓަކައި ރައީސް ޔާމީނަށް ކޮންމެ ފަދަ ދެރައެއް ދޭން ވެސް މި ސަރުކާރު ފަސްނުޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް އެ މަންޒަރުތައް ފެންނާން ފަށައިފި ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ އިންޑިއާ ޕްލީޒް ކުރުން. އިންޑިއާ ޕްލީޒް ކުރާނަމަ ކުރަން އެންމެ މުހިއްމު ކަމެއްގެ ގޮތުގަ އޮންނާނީ ރައީސް ޔާމީން ހިފާ ހައްޔަރު ކުރުން. ރައީސް ޔާމީން ނިޒާމުން ގެއްލުވައިލުން. އެއީ އެމީހުން އެ ކުރާ މަސައްކަތަކީ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިންޑިއާއެކު ހަދަމުން އެ އަންނަ އެގްރިމެންޓް ތަކަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު، ގެއްލޭ ފަދަ އަޑި ނޭނގޭ އެގްރިމެންޓްތަކެއް ކަމަށެވެ.
"މިސާލަކަށް ޑޯނިޔާ މަތިންދާބޯޓު ތަކެއް ބެހެއްޓުމަށް ޓަކައި ހަދާވައިފާ އެގްރިމެންޓް، ހައިޑްރޮގްރޮފީ އެގްރިމެންޓް، ޔޫޓީއެފް އެގްރިމެންޓަކަސް މިއީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ވަރުގެ ނުރައްކާތެރި އަދި ބޮޑެތި އެގްރީމެންޓްތައް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެ އެގްރިމެންޓްތައް ތަންފީޒުވެގެން އަންނައިރު ރާއްޖޭގެ މިނިވަންކަން ގެއްލޭ މަންޒަރު ފެންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާ ދެކޭ ގޮތުގައި ރާއްޖޭގައި އެހެން ގައުމުތަކުގެ އިންވެސްޓްމެންޓަތައް އިތުރުވަމުން ދިއުމަކީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑުބިރެއް ކަމަށެވެ.
އެހެންކަމުން މި ސަރަހައްދުގެ ސެކިއުރިޓީ ރަނގަޅު ކުރުމުގެ ނަމުގައި އިންޑިއާއިން އެ ގެންދަނީ ރާއްޖޭގެ ތަރައްގީ ހުއްޓުވަމުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
"މިގައުމުގައި އެ ހުރީ ޗައިނާގެ ބޮޑެތި އިންވެސްޓްމެންޓްތައް. އެހެންވީމަ ޗައިނާގެ އިންވެސްޓްމެންޓްތައް މި ތަނަށް ގިނަވާ ނަމަ ކޮންމެ ގޮތެއް ވިޔަސް އެ އިންވެސްމެންޓްތައް ހިމާޔަތް ކުރުމަށް ޗައިނާގެ އިންޓްރެސްޓް އެއް މި ގައުމުގަ އޮންނާނެ. އެހެންވީމަ މި މީހުން މި ގަބޫލުކުރާ އަސާސްތަކާ އެބަ ފުށުއަރާ މިތަނަށް މި އަންނަ އިންވެސްޓްމެންޓްތައް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެފަދަ އިންވެސްޓްމެންޓްތައް ރާއްޖެއަށް އައުމަކީ އިންޑިއާއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެކަމުން މި ގައުމަށް ހެޔޮއެދިގެން ހުރިހާ ކަމެއްވެސް ކޮށްދޭނީ އިންޑިއާއިން ކަމުގައި އެމީހުން ބުނާނެ ކަމަށެވެ.
"ކޮންމެ އަހަރަކު ބަޖެޓްގައި ވެސް އެބަ އޮވޭތާ އިންޑިއާގެ ހިލޭ އެހީ މިވެނި ވަރެއް، އިންޑިއާ އިން ލޯނު އެހީ މިވެނި ވަރެއް. އެކަމަކު އޭގެން އެއްވެސް އެއްޗެއް ރިއަލައިޒް އެއް ނުވާނެ. އިންޑިއާ މެދުވެރިކޮށް ރާއްޖޭގަ ހިންގާ އެއްވެސް ޕްރޮޖެކްޓެއް ނުވެސް ހިނގާނެ. ރައްޔިތުންނާ ސަރުކާރު އެ މަޅީގަ ޖައްސައިގެން ބޭނުންވަނީ އެމީހުން ބޭނުން ކަމެއް މިތަނުގަ ކުރަން،" ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ވެސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ގެއްލޭ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރު ގަދަ ކުރާން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބައިގެން ދާން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.