ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ބާތިލުކޮށް، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލު ކުރަން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށެހަޅައިފިއެވެ.

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ރަޖިސްޓްރީ ބާތިލުކޮށް، އެ ސަރަހައްދު މާލެ ސިޓީގެ ދަށަށް ގެންދިއުމަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު 'ސަން' އަށް ވިދާޅުވީ, ސިޓީ ކައުންސިލްގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހުށަހަޅަނީ އެއީ ގާނޫނީ ގޮތުން ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނިންމައިދިނުމަށް," ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ މާލޭ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ލާމަރުކަޒީ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެކަން ފާހަގަކޮށް ސުހައިލް ވިދާޅުވީ, އެޗްޑީސީން ނަގާފައިވާ ބައެއް ލޯނުތަކަކީ އެތަނުގެ އިހްތިސާސް ދަށުގައި ހުޅުމާލެ އޮތުމުން ލިބިފައިވާ ލޯނުތަކެއް ކަމަށެވެ.

އެހެންކަމުން އެ ގޮތުގައި ދެމި އޮންނަން ޖެހޭ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ މަޝްރޫތައް ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ހައުސިން މިނިސްޓްރީންނެވެ. އޭގެ ކުރިން ހުޅުމާލެ ފުރަތަމަ ފިޔަވަހި ވެސް އޮތީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ގެނައުމަށް ފާސްކޮށްފައިމިވަނީ, އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލުން ދެބަސްވެފައިވާ ދަނޑިވަޅެއްގައެވެ.