މުޒާހަރާ ކުރަން ބޭނުންވާ ފަރާތްތަކަށް އެއްވެ އުޅެން ބޭނުންވާ ގޮތަށާއި އާންމުގެ ސުލްހަމަސަލަސްކަން ގާއިމް ކުރެވޭނެ ގޮތަށް މުޒާހަރާ ކުރުމާ ގުޅޭ ގާނޫނެއް ވުޖޫދަށް އައުމުން ފުލުހުންގެ މަސައްކަތަށް ފަސޭހަވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މާލެ އާއި އަތޮޅުތަކުގައި ފަހަކަށް އައިސް ސިލްސިލާ މުޒާހަރާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ރިޔާޒް އިއްޔެ ވިދާޅުވީ މުޒާހަރާ ކުރުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން ވަރަށް މުހިއްމު ކަމަށެވެ. އަދި މަޖިލިސް މެންބަރުން އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އިހުތިޖާޖު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތަށް އަދި އާންމުގެ ސުލްހަމަސަލަސްކަން ގާއިމް ކުރެވޭނެ ގޮތަށް ގާނޫނެއް އައުން އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ރިޔާޒް ވިދާޅުވި އެވެ.

މުޒާހަރާ ކުރުމާ ގުޅޭ ގާނޫނަކަށް ފުލުހުން ބޭނުންވެފައިވާ އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދެ އެވެ. ނަމަވެސް އެއްވެ އުޅޭ މީހުން އަމަލްކުރާނެ އުސޫލެއް، ބަޔާންކޮށްފައިވާ ގާނޫނެއް ވުޖޫދަކަށް އަދި އައިސްފައިނުވެ އެވެ. ނަމަވެސް ފެހި ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެއްވެއުޅުމުގެ ގަވާއިދެއްގެ ދަށުން ފުލުހުން އަމަލް ކުރަމުންގެންދިޔަ އެވެ. ނަމަވެސް އެ ގަވާއިދަކަށް މިހާރު އަމަލެއް ނުކުރެ އެވެ.

ރިޔާޒް ވިދާޅުވީ މުޖުތަމައު އަމާން މާހައުލެއްގައި ބޭއްވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނީ ފުލުހުންނަށް ބޭނުންވާ ގާނޫނުތައް ވުޖޫދަށް އައިސްގެން ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނު ފަދަ މުހިއްމު ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރިޔާޒް މަޖިލީހުގެ މެންބަރުންނަށް ގޮވާލެއްވެވި އެވެ. ނަމަވެސް އެ ގާނޫނުތަކަށް ފުލުހުން ބޭނުންވާ ކަމަށް ރިޔާޒް ވިދާޅުވި އިރު، މަޖިލިސް މިހާރު ވަނީ މަރުތަޅު އެޅުވިފަ އެވެ.