އާޓިސްޓުންނަކީ ގައުމަށް ވަރަށް މުހިންމު ބައެއް ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނަރު، ވައިސް އެޑްމިރަލް އަތަރު މުހްތާރު ވިދާޅުވެއްޖެއެވެ.

ހައި ކޮމިޝަނަރު އަތަރު މުހްތާރު އެހެން ވިދާޅުވީ ނެޝަނަލް އާޓް ގެލެރީގައި ބާއްވާ "އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަނަށް އިއްޔެ ޒިޔާރަތް ކުރައްވައި، އާޓިސްޓުންގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ފަހުގައެވެ.

ޕާކިސްތާން ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް އަތަރު މުހްތާރު، އާޓިސްޓުންނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޝަޔާހު ޝަފީގް

އެ މައުރަޒުގައި ބަހައްޓާފައިވާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ހައި ކޮމިޝަނަރު ވިދާޅުވީ، އާޓިސްޓިކް މަސައްކަތްތަކަކީ މީހުންގެ އިހުސާސުތަކާއި އުއްމީދުތަކާއި ތަޖުރިބާތައް ހިއްސާ ކުރުމަށް ޒަމާނުންސުރެ ބޭނުން ކުރަމުން އަންނަ ވަސީލަތްތަކެއް ކަމަށެވެ.

"މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ބިނާކުރަނިވި މެސެޖުތަކެއް ފޯރުކޮށްދޭ އުޅަނދުތަކެއްގެ ގޮތުގައި އާޓް ބޭނުން ކުރަން އަޅުގަނޑުމެންގެ ޒުވާން ޖީލުން ދަސްކޮށްފައިވާ ގޮތް މި މައުރަޒުން އެބަ ފެނިގެންދޭ. އާޓިސްޓުންނަކީ ކޮންމެ ގައުމަކަށްވެސް ވަރަށް މުހިންމު ބައެއް،" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ޕާކިސްތާން ހައި ކޮމިޝަނަރު (މ)، ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން (ކ) އަދި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް -- ފޮޓޯ: ޝަޔާހް ޝަފީގް

ހަމައެއާއެކު ހައި ކޮމިޝަނަރު މުހްތާރު ވަނީ އާޓިސްޓުންގެ މަސައްކަތްތަކުން މީހުންގެ ގުޅުން ބަދަހިވާކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެ އާއި ޕާކިސްތާނުގެ އާޓިސްޓުން އެއްކޮށް މަސައްކަތްކޮށް، ދެ ފަރާތުގެ ތަޖުރިބާއިން އާ ކަންތައްތައް ދަސްކޮށް، އެމީހުންގެ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް އެފަދަ ފުރުސަތުތަކުގެ ބޭނުން ކުރަން ޖެހޭ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ މަސައްކަތްތައް ދައްކާލުމަށް މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އެ މައުރަޒު އިންތިޒާމު ކުރުމުން އެ ޖަމިއްޔާއަށް ހައި ކޮމިޝަނަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޕާކިސްތާން ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް އަތަރު މުހްތާރު އަދި ޕާކިސްތާނު ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު، އާޓިސްޓަކާ ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާން ހައި ކޮމިޝަނަރާއެކު، އެ ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވެސް އެ މައުރަޒަށް ޒިޔާރަތްކުރެއްވިއެވެ. އަދި ޒުލްގަރުނައިން އަހުމަދު ވަނީ ކުރެހުމާއި އަދަބިއްޔާތު ފަދަ މަސައްކަތްތަކަކީ މުޅި މުޖުތަމައުގެ ހަނދާންތައް ރައްކާކުރާ ވަސީލަތްތަކުގެ ގޮތުގައި ސިފަކުރައްވައިފައެވެ.