09 Dec 2021, 11:59
ސިއްހަތަށް ނުރައްކާވާ ބާވަތްތަކުން ނަގާ ޑިއުޓީގެ ބައެއް ސިއްހަތު ރައްކާތެރިކުރުމުގެ ފަންޑަށް ޖަމާކުރަންޖެހޭ ގޮތަށް ޕަބްލިކް ހެލްތު ފަންޑުގެ ގަވާއިދު އާންމުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަަށައިފިއެވެ.
އެ ގަވާއިދު ބުނާ ގޮތުގައި އެ ފަންޑަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ ޖަމާކުރަން ޖެހެއެވެ. ހަމައެއާއެކު ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީގެ ތިން ޕަސެންޓު ވެސް ފަންޑަށް ޖަމާކުރަން ޖެހެއެވެ. ހަމައެއާއެކު ސިއްހަތަށް ނުރަައްކާވާ ތައްޔާރީ ކާނާއިން ނަގާ ޑިއުޓީން ވެސް ކަނޑައެޅޭ މިންވަރެއް އެ ފަންޑަށް ޖަމާކުރަން ޖެހެއެވެ.
މީގެ އިިތުރުން ގާނޫނުގެ ތެރެއިން ކަންކަން ކޮށްގެން ލިބޭ އާމަދްނީ އާއި ސިއްހީ ކަންކަމަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ވެސް ޖަމާކުރަންޖެހެނީ އެ ފަންޑަށެވެ.
މި ގަވާއިދުގެ ދަށުން ޕަބްލިކް ހެލްތު ފަންޑު ހިންގައި އޭގައިވާ ފައިސާއަށް ޒިންމާ ނަގާނީ ހެލްތު މިނިސްޓަރެވެ. އެއާއެކު ފަންޑު ހިންގައި ބެލެހެއްޓުމަށްޓަކައި ނުވަ މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވައިލާނެއެެވެ.
އެ ކޮމިޓީގައި ހިމެނޭނީ ހެލްތު މިނިސްޓަރާއި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ދެ މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފެކެވެ. ހަމައެއާއެކު ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރަކާއި އެ މިނިސްޓްރީގެ ތިން މުވައްޒަފުން ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބޭނެއެވެ.
މި ގަވާއިދުގެ ދަށުން ފަންޑުން ފައިސާ ހަރަދުކުރުމަށް ކޮމިޓީއަށް ހުށަހަޅަން ޖެހެނީ އެޗްޕީއޭއިންނެވެ. އަދި ފަންޑުން ހަރަދުކުރުމަށް ބޭނުންވާ ކަންކަން އެ އެޖެންސީގެ އަހަރީ ބަޖެޓު ޕްލޭންގައި ހިމަނާފައި އޮންނަން ވާނެކަމަށް އެ ގަވައިދު ބުނެއެވެ. ފައިސާ ހަރަދުކުރެވޭނީ ކޮމިޓީން ހުއްދަ ދިނުމުންނެވެ.
ޕަބްލިކް ހެލްތު ފަންޑަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ފަންޑެކެވެ. ފަންޑުގެ ބޭނުމަކީ އާންމު ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ހަރަދުކުރުމެވެ.