06 Mar 2012, 12:09
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބުރާސްފަތި ދުވަހު ފަށާ އޭއެފްސީ ޗެލެންޖްކަޕުގައި ވާދަކުރާ އިންޑިޔާ ޓީމުގެ ކެޕްޓަނަކަށް ސުނިލް ޗެތުރީ ހަމަޖައްސައިފި އެވެ.
އިންޑިޔާ ޓީމުގެ ކޯޗް ސާވިއޯ މެދޭއިރާ ބުނީ، ސުނިލް ޗެތުރީއަކީ ކެޕްޓަންކަން ކުރުމަށް މިވަގުތު އިންޑިޔާ ޓީމުގައި ހުރި އެންމެ ހުސިޔާރު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާގެ ކެޕްޓަން ކަމުގެ ދަށުން މިފަހަރުގެ މުބާތާތުގައި އިންޑިޔާ ރަން ވަނައަކާ ހަމައަށް ދަތުރު ކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ސުނިލް ޗެތުރީއަކީ ކެޕްޓަންކަން ކުރުމުގައި މިވަގުތު އިންޑިޔާ ޓީމުގައި ހުރި އެންމެ ހުސިޔާރު އެއް ކުޅުންތެރިޔާ. އަހަރެން އޭނާއަށް ވަރަށް އުންމީދުކުރަން. ޓީމްލައްވާ ކުޅުމުގެ ފެންވަރު ސުނިލް ޗެތުރީގެ ކިބައިގައި އެބަހުރި" މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓް ބޯޅަ މުބާރާތުގެ ތަށި އިންޑިޔާއަށް ކާމިޔާބު ކޮށްދިނުމުގައި ޓީމަށް އިރުސާދުދިން ކޯޗް ސާވިއޯ މެދޭއިރާ ބުންޏެވެ.
ތޭވީސް ކުޅުންތެރިންގެ ސްކޮޑަކާއެކު މުބާރާތުގައި ވާދަކުރަމަށް އިންޑިޔާގެ ޓީމް ނޭޕާލަށް ގޮސްފައިވާއިރު، މުބާރާތުގައި އިންޑިޔާ މިފަހަރު ހިމެނިފައި ވަނީ މަރުގެ ގްރޫޕްގެ ނަމުން ނަން ދެވިފައިވާ "ގްރޫޕް ބީ" ގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރެއާ އާއި ތަޖަކިސްތާން އަދި ފިލިޕީންސެވެ.
ޒުވާން ޓީމަކާއެކު އިންޑިއާ މިފަހަރުގެ މުބާރާތަށް ނިކުންނައިރު އިންޑިއާ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ. މުބާރާތައް ތައްޔާރުވުމުގެގޮތުން އިންޑިއާވަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ތިން މެޗު ކުޅެން ހަމަޖައްސައި، އޭގެ ތެރެއިން ދެމެޗު ކުޅެފަ އެވެ.
ފީފާ ރޭންކިންގްގެ 154 ވަނައިގައި މިވަގުތު އޮތް އިންޑިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ އެކުވެރިކަމުގެ މެޗު ކުޅުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮމާންއާއި ދެކޮޅަށެވެ. މިމެޗު 5 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޑިއާ ލަދުގަންނުވާލީ އޮމާން އެވެ. މެޗަށްފަހު ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ވަނީ މެޗުގެ ނަތީޖާއަކީ މައްސަލައެއް ނޫން ކަމަށާއި، އެންމެން ގުޅިގެން ކާމިޔާބު ހޯދޭނެކަމަށް ބުނެފަ އެވެ.
ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު ދެވަނަ މެޗުގައި އިންޑިއާ ބައްދަލުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަޒަރުބައިޖާނާ އެވެ. މިމެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އަޒަރުބައިޖާނެވެ. މިމެޗުން އިންޑިއާ ބަލިވުމާއެކު އިންޑިއާގެ މީޑިއާއިން ގެންދަނީ އިންޑިއާގެ ކޯޗުގެ ޤާބިލްކަމާމެދު ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް ކޯޗުވަނީ ޓީމު އޮތީ ޗެލެންޖްކަޕްގެ ތަށި ޤައުމަށް ގެނެސްދިމުގެ ޢަޒުމުގައިކަމަށް ބުނެފަ އެވެ.