10:00


ގާނުނުއަސާސީ އާއި ގާނުނުތަކާ ޚިލާފަށް ސަރުކާރުން ހައްޔަރުކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ އިސްފަރާތްތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭ ދޫކޮށްނުލައިފިނަމަ ދިވެހި ސަރުކާރަށް ބައިނަލް އަގުވާމީ ބޮޑެތި ފިއްތުންތަކާ ކުރިމަތި ލާންޖެހޭނެ ކަމުގެ އިންޒާރު ޤައުމީ ޕާޓީން ދީފި އެވެ.


ޤައުމީ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން، ސިޔާސީ އިސް ލީޑަރުންތަކެއް ހައްޔަރުކޮށް، ރަހީންކޮށްފައި ވަނީ ގާނޫނުއަސާއީއާއި ގާނޫންތަކާއި ޚިލާފަށް ކަމަށާއި އެބޭފުޅުން ވަގުތުން ދޫކޮށްލުމަށް އެޕާޓީން ގޮވާލާ ކަމަށެވެ. އަދި އެކަމަށްޓަކައި ބައިނަލް އަގުވާމީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ޤައުމީ ޕާޓީން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކޮންމެ ފިއްތުންތަކެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިސަރުކާރުން ކަމަށްވެސް ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.


ރައީސް ނަޝީދު ބަރުމާގެ އިދިކޮޅު ލީޑަރު އަންސަން ސޫކީ ބަންދުން މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލައްވާއިރު، ގާނުން އަސާސީއާއި ގާނުންތަކާއި ޚިލާފަށް ދިވެހިރާއްޖޭގެ ސިޔާސީ އިސްފަރާތްތައް ބަންދުކޮށް، ރަހީންކޮށްގެން ގެންގުޅުއްވާ ގެންގުޅުއްވުމާއި، ބައިނަލް އަގުވާމީ ގޮވާލުންތަކަށް މިހާތަނަށް ބީރުކަންފަތެއް ދެއްވުމަކީ އެމަނިކުފާނުގެ އިޚްލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ޤައުމީ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ބައިނަލް އަގުވާމީ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން މިހާތަނަށް ފުރަގަސް ދިން ދިނުން ނިމުމަކަށްގެނެސް، ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންކުރުމަށް ނަޝީދުގެ ސަރުކާރަށް ގޮވާލާ ކަމަށާއި ވަކިން ޚާއްސަކޮށް އެމެރިކާ ސަރުކާރުން މިމައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ އެހީތެރިކަން ހޯދުމަށް ގޮވާލި ގޮވާލުމަށް ފުރިހަމައަށް އިޖާބަދެއްވައި އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް އިސްނެންގެވުމަށް ނަޝީދުގެ ސަރުކާރަށް ޤައުމީ ޕާޓީން ވަނީ ގޮވާލާފަ އެވެ.


މިކަމާ ގުޅިގެން ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.