އެންމެ ގިނައިން ނޫސްވެރިން ހައްޔަރުކުރާ ގައުމަކީ ޗައިނާކަމަށް ރިޕޯޓާޒް ވިތައުޓް ބޯޑާޒްއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނީ ޗައިނާއިން އަންނަނީ ނޫސްވެރިންނާއި ނޫސްވެރިކަން ހުއްޓުވުމަށް ޓަކައި މީގެ ކުރިން ބޭނުންނުކުރާ މިންވަރަކަށް މިހާރު ބާރުގެ ބޭނުންކުރަމުންކަމަށެވެ.

އެގޮތުން މިވަގުތު ވެސް ޗައިނާގައި 127އަށްވުރެ ގިނަ ނޫސްވެރިން ބަންދުކޮށްފައިވާކަަމަށް އެ ރިޕޯޓުގައި ބުންޏެވެ. ޗައިނާއިން ނޫސްވެރިން ހައްޔަރުކުރަނީ އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭ މައުލޫމާތު ފަތުރާކަމުގެ ތުހުމަތުގައެވެ.

ޗައިނާއިން ކޮވިޑް އެންމެ ފުރަތަމަ ފެނުނު ސިޓީ ކަމަށްވާ ވޫހާންގައި އޮތް ކޮވިޑުގެ ހާލަތު ރިޕޯޓުކޮށްގެން ވެސް 10 ނޫސްވެރިން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. .

ޗައިނާއަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ދަނީ ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާޒްގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި 180 ގައުމުގެ ރޭންކިން ހަދާފައިވާއިރު ޗައިނާ އޮތީ އެ ރޭންކިންގެ 177ވަނައިގައެވެ.