09 Dec 2021, 02:34
ރިސޯޓްތަކުގައި އިމާމުންނާއި ޚަތީބުން ތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް ޓަކައި ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރޮގްރާމްގެ ސަނަދު ހާސިލްކުރި ދަރިވަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާ، މިނިސްޓަރު ވަނީ މި ޕްރޮގްރާމް ޑިޒައިންކޮށް، ކުރު މުއްދަތެއްގެ ތެރޭގައި މިކަން ފުރިހަމައަށް އިންތިޒާމް ކޮށްދެއްވިކަަމަށް ޓަކައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަށާއި، އެ މިނިސްޓްރީގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
މައުސޫމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ އިތުރު ޕްރޮގްރާމްތައް ހިންގައި ރިސޯޓުތަކުގެ އިމާމުންނަށް މި ދާއިރާއިން އިތުރަށް ތައުލީމާއި ތަމްރީނު ހާސިލުކުރުމުގެ މަގުފަަހިކޮށްދެއްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އިލްމުވެރިންގެ ބުރަ މަސައްކަތުން އެ ޕްރޮގްރާމްގައި އުނގަންނައިދިން އިލްމާއި، ދިން ތަމްރީނުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ ހަގީގީ ކާމިޔު ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެދިއްޖެ ނަމަ މިފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންގޮސްދިނުމަށް ޓަކައި އަބަދު ވެސް ހުންނަވާނީ ތައްޔާރަށް ކަމަށެވެ.