06 Mar 2012, 11:59
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިޝަރު ހުސެއިން ހިލްމީ އާއި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީއެލްސީ)ގެ މެނޭޖިން ޑިރެކްޓަރު ގ.ރަންގިރި، މުހައްމަދު ވާފިރު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެޕްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ހުސެއިން ހިލްމީގެ އިތުރުން އެކުންފުނީގެ ބޯޑުގެ ތިން މެންބަރުން ކަމުގައިވާ މއ. ގްލޭމް، އަބްދުﷲ ވަސީމް އާއި ގ. ހިލްމަން، މޫސާ ހަލީމު އަދި ހުޅުމާލެ، ހުސެއިން ނައީމް ވަކިކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ކަމުގެ މަގާމުން ހުސެއިން ހިލްމީ ވަކިކުރެއްވުމާ ގުޅިގެން އެކުންފުނި ވަގުތީ ގޮތުން ހިންގަވަނީ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ހުސެއިން ނައީމެވެ.
އޮފިޝަލް އަދި ވިދާޅުވި ގޮތުގައި މިދިޔަ މަހު ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުން މ. ރޫބިޔާ، ހުސެއިން ނިޒާރު ވަނީ ވަކިކޮށްފަ އެވެ. އަދި އެކުންފުނީގެ ޗެއާމަން ހެންވޭރު ސޭންޑީ ބީޗް ޔޫޝައު ސައީދު ވެސް މިދިޔަ މަހު ވަނީ ވަކިކޮށްފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ރައީސް ވަހީދުގެ ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.