08 Dec 2021, 20:49
ފައިވާނާއި ފުރަގަސް ފަރާތުގައި ރައްކާ ކޮށްގެން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ޕާކިސްތާނުގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ، ބުސްރާ އަނީސްއާއި 41 އަހަރުގެ މުނީޒު އަޒީޒްގެ އިތުރުން 49 އަހަރުގެ މުހައްމަދު ޔަސީންއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔަސީންގެ ފައިވާނުން 738 ގުރާމުގެ ހެރޮއިން ފެނިފައިވާއިރު ފުރަގަސް ފަރާތުން ނެގި ތިން ބުލެޓުން 254 ގުރާމުގެ ހެރޮއިން ވަނީ ފެނިފައެވެ.
ބުސްރާ އަނީސްގެ ފައިވާނާއި ޖަންގިޔާ ތެރެއިން އަތުލި ހެރޮއިންގެ ބަރުދަނުގައި 852 ގުރާމު ހުރިއިރު މީގެ ކުރިން ވެސް އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގެންފައިވެއެވެ.
މަސްތުވަތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވަނީ މުނީޒު އަޒީޒެވެ. މުނީޒުގެ ފައިވާނުން ވަނީ 598 ގުރާމުގެ ހެރޮއިން ހޯދައިފައެވެ. މީނާ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވެއެވެ.
ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2445 ގުރާމު ހުރިއިރު، މި ތިން މީހުން ވެސް ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދީފައިވާތީ ލުއި ދީ، އެނބުރި ގައުމަށް ފޮނުވައިދިނުމަށް އެދިފައެވެ.
ފުލުހުން ވަނީ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން ތިން މީހުންގެ ބަންދަށް ވެސް ޖަހައިފައިވަނީ 15 ދުވަހެވެ.