11 Dec 2021, 09:32
"ހާލަތާއެކީ ބަދަލުވާނެ ކިތަންމެ ކަމެއް ހުންނާނެ..." އިރަމް ބުނީ މާނަފުން ޖުމުލައެކެވެ.
އައިޒަކް ބޯ ޖަހައިލިއެވެ. އެމޫނު މިލައިގެން ދިޔަތަން ފެނުމުން އިރަމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ ބޭނުންވީ ގަސްދުގައި އައިޒަކްގެ ހިތަށް ތަދުކުރާށެވެ.
********
"އޯކޭ... ޓޫ ބްލެކް ކޮފީ..." އައިޒަކްގެ ބަހަކަށް މަޑުކޮށްލައިގެން ހުރި ވޭޓަރަށް ބަލައިލަމުން އޭނާ ބުންޏެވެ.
"އަހަރެން ބޯ އެއްޗެއްތަ ބޯންވެސް ޖެހެނީ..." އިރަމް ހިތާއިހިތުން ކުދި ކިޔައިލިއެވެ.
"އިރަމްއަށް އުނދަގޫވެދާނެތީ، މިލްކް ކޮފީއެއް ގެންނަން ބުނީ..." އިރަމްގެ ހިތުގެ އަޑު އިވުނު ފަދައަކުން އައިޒަކް ތަފްސީލް ދިނެވެ.
ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އިރަމްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އައިޒަކްގެ ޖުމްލަ އޭނާގެ ހިތުގެ އެންމެ ފުނާއި ހަމައަށް ވާސިލުވި ކަހަލައެވެ. އައިޒަކް އިރަމް އާއި މެދުގައި އެހާ ވަރަށް ވިސްނާ ހެއްޔެވެ؟ ނޫނީ އިރަމްގެ ކުރިމަތީގައި ވިސްނާކަމަށް ހެދެނީ ހެއްޔެވެ؟ އިރަމް ގަބޫލުކުރީ، އެ ހުރިހާ ކަމެއްގެ ފަހަތުގައި އައިޒަކްގެ ނުބައި އެޖެންޑާއެއް ފޮރުވިފައި އޮންނާނެ ކަމަށެވެ.
"ބައެއް އާދަތައް ބަދަލުކުރީމަ، އޭގެ ފައިދާ އެހެންމީހުންނަށްވެސް ކުރާނެ..." އައިޒަކް ހިނިތުންވެލިއެވެ. "މިހާރު ދެން އިރަމް ގޮވައިގެން ކޮފީއަށް އަންނަން އެއްވެސް ދައްޗެއް ނެތް..."
އިރަމްގެ ހިތް އަނދައިގަތެވެ. އައިޒަކް ބުނަން އުޅެނީ ކީކޭ ހެއްޔެވެ؟ އެ އަމަލުތަކުން ހާމަކޮށްދޭން މަސައްކަތްކުރަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ގަސްދުގައި އައިޒަކް އާއި އެކުގައި ވަގުތު ހޭދަކުރަން ބޭނުންވެގެން އުޅޭކަން ހެއްޔެވެ؟
"އަހަރެން ނޫޅެން ކޮފީއަށް އަންނާކަށް..." އިރަމް ނުރުހިފައި ބުންޏެވެ.
އިރަމް ނުރަސްމީކޮށް ވާހަކަ ދައްކަން ފެށުމުން އައިޒަކްއަށް މަޖާވިއެވެ. އިތުރަށް އިރަމް ރުޅިއަރުވާލަން އޭނާ ބޭނުންވިއެވެ.
"އަންނާނެ... މިހާރުވެސް ތީނީ އައިހެއްނު..." އައިޒަކް ގަދަކޮށްލިއެވެ.
ބުނެފީމެއްނު ނާންނާނަމޭ..." އިރަމް ރައްދުދިނެވެ.
"ނަޔަސް، ގެންނާނަމޭ..." ލާނެތް ރާގަކަށް އައިޒަކް ބުންޏެވެ.
އިރަމްގެ ދެ ދަތްޕިލަ ޖެހި ބާރުވިއެވެ. މުށްކަވާފައިވާ އަތުން މޭޒުގައި ޖަހައި، ދެފަޅިއަށް ފަޅައިލަން އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެއްކަމެއްވެސް ކުރާނެ ހިތްވަރެއް ނެތިފައި، އޭނާއަށް ބަލައިލެވުނީ، ކުރިމަތީގައި ތިބި ޒިމްނާމެންނަށެވެ. އެމީހުންގެ ނަޒަރު ހުއްޓިފައިވާތަން ފެނި، ރުޅިގަނޑު ހިންދައިލަން މަސައްކަތްކުރަމުން، އިރަމް ނެގީ އޭނާގެ ފޯނެވެ.
"އަހަރެންމީ ބޮސްކަން އެނގުނީމަ، ކޮންކަހަލަ އިހުސާސެއް ކުރެވުނީ؟..." އައިޒަކް އަހައިލިއެވެ.
"އެކައްޗެއްވެސް އިހުސާސެއް ނުވޭ..." ފޯނަށް ބަލަން އިނދެ، އިރަމް ރުންކުރު ރާގަކަށް ބުންޏެވެ.
އައިޒަކް މަޖާވެފައި ހީލި އަޑު އިވުމުން، އިރަމް ތުންފިއްތައިލިއެވެ. ބަންލާފައި މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު، އައިޒަކްއަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ.
"އަހަރެން ތިގެނައީ އިންޓަވިޔުއަކަށްތަ؟..." އިރަމް އިނީ ފޫހިވެފައެވެ.
"އިރަމް ބޭނުމިއްޔާ އަހަންނާވެސް ސުވާލުކުރެވިދާނެއޭ..." އައިޒަކް ބުންޏެވެ.
"ބޭނުމެއް ނޫން ސުވާލުކުރާކަށް..." އިރަމް ލޯ އަޅައިލިއެވެ.
ވެއިޓަރު ކޮފީތަށި ގެނައުމާއިއެކު، އިރަމްގެ ބޯ އަނބުރައިގަތެވެ. ކަޅުކޮފީގެ ވަސް ޖެހުމުން އޭނާގެ މުޅި ދުވަސް ޚަރާބުވި ކަހަލައެވެ. އެކަމަކު، އައިޒަކްގެ ކައިރީގައި އެހެން ބުނެވުނީތީ، ކޮފީތަށި ދުރަށް ޖައްސައިލާކަށްވެސް އިރަމްއަކަށް ނުކެރުނެވެ.
"ދެ ދުވަސްފަހުން ރިސޯޓު ދަތުރެއް އެބައޮތް... އިރަމްވެސް އެ ދަތުރުގަ އަހަންނާއެކީ ބައިވެރިވާންޖެހޭނެ..." ކޮފީތަށިން އެތިފޮދެއް ބޯލަމުން އައިޒަކް ބުންޏެވެ.
އެހާ ވަރަށް ބޯ އަނބުރައިގަނެފައި އިންދާ އައިޒަކް ދެއްކި ވާހަކައަކުން އިރަމްގެ ސިކުނޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ތިރިކޮށްލާފައިވާ ދެ އަތް މުށްކަވާލައިގެން އިނދެއިނދެ، އިރަމްގެ ދެއަތުން ވާގިދިޔައެވެ. ހިތާއިހިތުން އައިޒަކްއަށް އެއްޗެހި ކިޔުން ނޫންކަމެއް އިރަމްއަކަށް ނުކުރެވުނެވެ.
"ތިހެން އިންދާ ކޮފީތަށި ހިހޫވެދާނެ..." އައިޒަކް ބުންޏެވެ. "އަނެއްކާ އަލަށްތަ ކަޅުކޮފީއެއް ބޯން ތިއުޅެނީ؟..."
އައިޒަކްގެ ޖުމްލަ ނުނިމެނީސް އިރަމް ކޮފީތަށި ނަގައި ތުންފަތުގައި ޖައްސައިލިއެވެ. ކޮފީފޮދު އަރުތެރޭގައި ޖެހުމާއިއެކު، އޭނާއަށް އޯކާދެމެންފެށުނެވެ. އިރަމްއަށް ފާޚާނާ އާއި ހަމައަށް ދެވުނީ ކިރިޔާއެވެ. ހޮޑުލެވި މުޅި މޫނު ރަތްވިއެވެ. އިރަމް ދިޔަ ދިމާއަށް ބަލަން އިން އައިޒަކްއަށް ދެލޯ މަރައިލެވުނެވެ. ހިތުގައި އުފެދުނު ޝަކުވާތައް އޭނާ ބޭރުކޮށްލީ، ފުން ނޭވާއަކުންނެވެ. އިރަމް ގަސްދުގައި އަމިއްލަ ނަފުސަށް އަނިޔާ ދެނީ ކީއްވެ ހެއްޔެވެ؟ އެހާވެސް އޭނާދެކެ އިރަމް ރުޅި އަންނަނީ ހެއްޔެވެ؟
އިރަމް ފާޚާނާއިން ނުކުތްއިރު، ދޮރުމަތީގައި ހުރި ޒިމްނާ ފެނި ދިޔައީ ސިއްސައިގެންނެވެ. ޒިމްނާ ހުރީ، ކިޔާނެ އެއްޗަކަށް ތައްޔާރުވެލައިގެން ކަހަލަ ގޮތަކަށް އިރަމްއަށް ބަލާށެވެ.
"ބަނޑުބޮޑީތަ؟..." މަލާމާތުގެ ރާގަކަށް ޒިމްނާ އަހައިލިއެވެ.
"އޭނ؟..." އިރަމްއަށް ލިބުނީ ސިހުމެކެވެ.
"ހަމަ ރީއްޗަށް ހުރި މީޙަކު މާވަރަކަށް ހޮޑުލާނީ ކަމެއްވީމަތާ..." ޒިމްނާ ބުންޏެވެ. "ތި ދަރި އައިޒަކްގެ ބޮލުގަ އަޅުވަން ދޯ ތިއުޅެނީ؟..."
އިރަމްގެ ހިނދިފައިވާ ބަނޑަށް އިނގިލި ހަރައިލަމުން ޒިމްނާ ބުންޏެވެ.
"އަހަރެން..." އިރަމް އެއްޗެއް ބުނަން އުޅުނެވެ.
"އެ އަނޫފްގެ ދަރިއެއްދޯ ތީ؟..." ޒިމްނާ ހީގަތެވެ. "އޭނަ ނޫން މީހަކު ނުހުންނާނެވިއްޔަ އިރަމްއާ ހެދި ހޭބަލިވެގެން އުޅޭ..."
"ޒިމްނާ..." ހިތުގައި ޖެހުނުވަރުން އިރަމްގެ ދެލޯ ކަރުނުން ފުރައިލިއެވެ.
"ކިހިނެއްވީ؟... ދޮގު ވާހަކައެއްތަ މިބުނީ؟..." ޒިމްނާ ހުއްޓައެއް ނުލިއެވެ.
ގައިގައި އެއްވެސް ވަރެއް ނެތުމުން، އިރަމްއަށް ފާޚާނާގެ ދޮރު ދާރައިގައި ހިފަހައްޓައިލެވުނެވެ.
"އައިޒަކްގެ ބޮލުގަ ތިކަން އަޅުވަން ހިތުވެސް ނުލާތި!..." ޒިމްނާ އަމުރުކުރިއެވެ.
"އެޅުވިޔަސް ކޮބާ މައްސަލައަކީ؟... އަހަރެންގެ އެއްވެސް މައްސަލައެއް ނެތިއްޔާ، އެހެން މީހެއްގެވެސް މައްސަލައެއް އޮވެގެން ނުވާނެ..." ފަހަތުން އައިޒަކްގެ އަޑު އިވުމުން ޒިމްނާ ސިހިފައި ބަލައިލިއެވެ.
ކައިރީގައި ހުރި އައިޒަކް ފެނުމުން ޒިމްނާ ރީއްޗަށް ރަކިވިއެވެ. އެވަރުންވެސް އަމިއްލަ ދިފާއުގައި އޭނާ ތެދުވިއެވެ.
"އޭނަ އެ އުޅެނީ، އެ ބަދުނާމު ކޮންމެސް މީހެއްގެ ބޮލުގަ އަޅުވަންވެގެން..." ޒިމްނާ އައިޒަކްގެ ކައިރިއަށް ޖެހުނެވެ. "އޭނަގެ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހުންގެ ތެރޭ ޒިމްވެސް ހިމެނޭތީ މިބުނަނީ..."
"އަހަންނަށްވުރެ ބޮޑަށް، އިރަމް އެނގޭނެ އެހެން އެހެން ފިރިހެނަކު ނުހުންނާނެ..." ޒިމްނާ އާއި ދުރަށް ޖެހިލަމުން އައިޒަކް ބުންޏެވެ. އައިޒަކް ހިތްހަމަނުޖެހިފައިވާވަރު އޭނާގެ އަޑުންވެސް ހާމަވިއެވެ.
"އޭނަ އުޅޭ ގެއަކީވެސް އޭގެ ގެއެއް... ފައިސާކޮޅެއް ދޭއިރަށް ސެޓްވާ ކަހަލަ އަންހެނުން..." ޒިމްނާ ބުންޏެވެ.
އައިޒަކްގެ ދެއަތް މުށްކެވުނެވެ. އިރަމް އާއި ގުޅޭގޮތުން ދޮގު ތުހުމަތުތަކެއް ކުރާ އަޑު އަހަން އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
"އިރަމްއަކީ އަހަރެންގެ..." އައިޒަކް އެއްޗެއް ބުނަން އުޅުނެވެ.
އިރަމްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ކުއްލިއަކަށް އައިޒަކްގެ އަނގަމަތީގައި އަތްއަޅައި، ބުނަން އުޅުނު ޖުމްލަ ހުއްޓުވިއެވެ. ޒިމްނާ އިތުރު އެއްޗެއް ބުނުމުގެ ކުރިން، އައިޒަކްގެ އަތުގައި ހިފައިގެން އެތަނުން ދިޔުމަށް އިރަމް ހިނގައިގަތެވެ. އިރަމްގެ އެ އަމަލުން، އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ކިހިނެއް ވެގެންތަ އައިޒަކް ތިއުޅެނީ؟..." ރެސްޓޯރެންޓުން ބޭރަށް ނުކުމެފައި އިރަމް އައިޒަކްގެ އަތުން ދޫކޮށްލިއެވެ.
"ކިހިނެއްވީ؟... ގޯސް ވާހަކައެއްތަ އަހަރެން ބުނީ؟..." އައިޒަކްގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.
"މާޒީގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާތަ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.
"ތީގެ މާނައަކީ އަދިވެސް އިރަމްގެ ހިތުގަ..." އައިޒަކް އެއްޗެއް ބުނަން އުޅުނެވެ.
"އެކައްޗެއްވެސް ނެތް..." އިރަމް ޖަވާބުދިނެވެ.
"ދެން ކީއްވެ އަހަރެން ބުނަން އުޅުނު ޖުމްލަ ހުއްޓުވީ؟...." އައިޒަކް ލާނެތް ރާގަކަށް އަހައިލިއެވެ.
"ކޮބާތަ އައިޒަކްގެ މަގުސަދަކީ؟..." އިރަމް ދޫކޮށްލީ ފުން ނޭވާއެކެވެ. "މާޒީގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާތަ؟... އެ ވާހަކަ ދެއްކީމަ، އެއްވެސް ކަމެއް ބަދަލުވަނީތަ؟..."
"ދެން އިރަމް ތިބުނަނީ ކޮންމެ ކަމެއް ވިޔަސް، ބަލަން ހުންނާށޭތަ؟..." އައިޒަކް ކުރީ މުޅީން އެހެން ސުވާލެކެވެ.
"ކީއްވެތަ އައިޒަކް އަހަރެންގެ ކަންކަމުގެ ތެރެއަށް ވަންނަންވީ؟..." އިރަމް އަހައިލިއެވެ.
"ބުނަންވީތަ ކީއްވެކަން؟... އިރަމްއަށް އަޑުއަހަން ކެރޭނެތަ؟..." އައިޒަކްގެ ތޫނު ދެލޯ އިރަމްގެ ލޮލާއި އަމާޒުކޮށްލިއެވެ.
އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އައިޒަކް ކުޑަކޮށް ކުރިއަށް ޖެހިލުމުން، އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ހޮޑުލެވުމުގެ ސަބަބުން، ވަރު ދޫވެފައި ހުރި އިރަމްގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އިރަމް ވެއްޓިދާނޭހެން ހީވުމުން، އައިޒަކް އަވަހަށް އިރަމްގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ. އިރަމްގެ މޫނުމައްޗަށް އަނދިރިވެ، އައިޒަކްގެ އަތުގެ ތެރެއަށް ދެމުނީ އައިޒަކް އެހެން ހުއްޓައެވެ.
********
ބަރުވެފައިވާ އެސްފިޔަތައް ތަޅުވައިލާފައި އިރަމް ލޯ ހުޅުވައިލިއެވެ. ފުސްވެފައިވާ މަންޒަރު ސާފުވުމާއިއެކު، އިރަމްގެ ދެލޯ ބޮޑުވިއެވެ. އޮވެވުނީ، އޭނާގެ ކޮޓަރިއަކު ނޫނެވެ. ކެހެރި ރަޖާގަނޑެއްގެ ދަށުގައި އިރަމް އޮތީ، އަރާމު، މަޑު ތަންމައްޗެއްގައެވެ. ތަނަވަސް ކޮޓަރި ސާހީވެފައި ތަރުތީބެވެ. ކޮޓަރީގެ މެދުގައި އެނދު ބަހައްޓާފައިވާއިރު، އެއް ބިތް އެއްކޮށް ފުރާލާފައިވާ ބޮޑު ބިއްލޫރިގަނޑުން މުޅި ކޮޓަރި ފެންނަމުންދިޔައެވެ. އެނދުގެ އަނެއް ފަރާތުން ފާރުގައި ޖައްސާފައިވާ ބޮޑު އަލަމާރީގެ ދޮރުފަތްތަކުގައިވެސް ވަނީ ބިއްލޫރިއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ކޮޓަރީގެ ކޮންމެ ތަނެއް ފެންނަމުން ދިޔައެވެ. އެނދުގެ އެއް އަރިމަތީގައި ދެމީހަކަށް ތިބެވޭ ވަރުގެ ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ފެން ޖަގަކާއި ތައްޓެއް ލާފައިވާ ތަބަކެއް ބަހައްޓާފައި ހުއްޓެވެ.
މޫނުމައްޗަށް އަނދިރިވީ ވަގުތު އައިޒަކް އޭނާގެ ގައިގައި ހިފަހައްޓައިލި ކަން އިރަމްގެ ހަނދާނަށް އައެވެ. އޭނާ އަވަހަށް އެނދުން ފުންމައިލިއެވެ. އިރަމްގެ ފައި ޖެހުނީ މަޑު ކެހެރިކޮޅެއްފަދަ ކާޕެޓުގައެވެ. ކޮޓަރީގެ މުށިތަކުގެ މަތީގައި އެއްކޮށް އަޅާފައިވާ ކާޕެޓުގެމަތިން ހިނގާފައި ގޮސް، އޭނާ ދޮރު ހުޅުވައިލިއެވެ.
ތަނަވަސް ސިޓިންގްރޫމުގައި މީހަކު ފެންނާކަށް ނެތެވެ. އިރަމް މަޑުމަޑުން ބޭރަށް ނުކުމެ، ދޮރު ލައްޕައިލިއެވެ. ސިޓިންގްރޫމާއި ބަދިގެބައި ވަކިކުރުމަށް ރާނާފައިވާ ތިރި ފާރުކޮޅުގެ އަނެއް ފަރާތުގައި ފުރަގަސްދީގެން ހުރި އައިޒަކް ފެނުމާއިއެކު އިރަމްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އައިޒަކް ހުރީ އުނދުން ކައިރީގައި އެއްޗެއް އުދައިގެންނެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު، ބަނޑާއި ދިމާއިން އޭޕްރޯނެއް އައްސާލާފައި އޮތެވެ. ފިރިހެންވަންތަކަމުން އިރަމްއަށް އޭނާގެ ނަޒަރު ބަދަލުކޮށްލަން އުނދަގޫވިއެވެ. އިރަމް ހުއްޓުންއަރާފައި ހުއްޓައި، އައިޒަކް ފަސްއެނބުރި ބަލައިލިއެވެ. އިރަމް ފެނުމާއިއެކު ހީލިގޮތުން، އިރަމްގެ ހިތުގެ ލަގަން ދޫވި ކަހަލައެވެ.
"ކޮންއިރަކު ތެދުވީ؟..." އައިޒަކް އަހައިލީ، މަޑުމައިތިރި ރާގަކަށެވެ.
އިރަމް އެއްޗެއް ނުބުނެ، އަވަހަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. އައިޒަކް އިރަމްގެ ފަހަތުން ގޮސް، ކުރިމައްޗަށް އެރިއެވެ.
"ކޮންތާކަށް ދަނީ؟..." އިރަމްގެ އަތުގައި ހިފައިލަމުން އައިޒަކް ބުންޏެވެ. "އަހަރެން އަދި ހުއްދައެއް ނުދެން ދާކަށް..."
އައިޒަކްގެ އަތް ފޮޅުވައިލަމުން އިރަމް ގޮސް ތަޅުގައި ހިފައިލިއެވެ. ދޮރު ހުރީ ކޮންމެ މީހަކަށް ހުޅުވޭނެ ގޮތަކަށް ނޫނެވެ.
"ދޮރު ހުޅުވަދީ..." އިރަމް އެދުނެވެ.
"އިހަށް އާދޭ ކާން..." އައިޒަކް ބުނެލިއެވެ.
"ނުކާނަން..." އިރަމް ބުންޏެވެ.
"އެހެންވިއްޔާ ދޮރެއް ނުހުޅުވޭނެ..." އައިޒަކް ގޮސް ސޯފާއަށް ވެއްޓިގަތެވެ.
ރިމޯޓު ނަގައިގެން އޭނާ ޓީވީ އަޅުވައިލިއެވެ. ރުޅި އައިސް ފުން ނޭވާތަކެއް ލަމުންދިޔަ އިރަމްގެ ކެތްތެރިކަން ކޮޅުންލީ، އައިޒަކް އެންމެ ފަހަރަކުވެސް އޭނާ އާއި ދިމާއަށް ބަލައިނުލުމުންނެވެ.
"ޔޫ ކިޑްނެޕަރ..." އިރަމް ބާރުބާރަށް ހިނގާފައި ގޮސް، ޓީވީގެ ކުރިމަތީގައި ހުއްޓުނެވެ.
"ފަސްދޮޅަށް ފަސް އިންޗި ޓީވީއެއްގެ ކުރިމަތީ، ހިމަހޯލިކޮޅެއް ހުއްޓަސް އަހަންނަށް ޓީވީ ފެންނާނެއޭ..." އައިޒަކް އިރަމްއާއި ދިމާކޮށްލިއެވެ.
އޭނާ އިރަމް އާއި ދިމާއަށް ވައްތަރެއް ޖައްސައިލުމުން، އިރަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ގޮސް އައިޒަކްގެ އަތުގައި އޮތް ރިމޯޓު އަތުލުމަށް ސޯފާ އާއި ދިމާއަށް ގުދުވެލިއެވެ. އައިޒަކް ރިމޯޓު ދުރުކޮށްލުމުން، އިރަމް މަސައްކަތްކުރީ އަތުލާށެވެ. އައިޒަކް ހީހީފައި އިރަމްގެ އަތުގައި ރިމޯޓު ޖެހުނަނުދީވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން އުޅެފައި އިރަމްއަށް ހަދާލެވުނު ގޮތަކުން، އައިޒަކްގެ ގައި މައްޗަށް ވެއްޓުނެވެ. އެވަރުންވެސް އިރަމް މަސައްކަތްކުރީ އައިޒަކްގެ އަތުން ރިމޯޓު އަތުލާށެވެ.
ބޭރުން ގެއަށް ވަދެވެން ހުރި ދޮރުގެ ކޯޑު ޖަހަންފެށި އަޑު އިވުމާއިއެކު، އިރަމްގެ ހަރަކާތް ހުއްޓުނެވެ. އޮވެވުނީ އައިޒަކްގެ ގައިމަތީގައި ކަންވެސް އޭނާއަށް އެނގުނީ ދެނެވެ. އިރަމްއަށް އިތުރު ކަމެއް ނުކުރެވެނީސް، އެމީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ.
(ނުނިމޭ)