08 Dec 2021, 18:44
ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާނޫނީ ލަފާ ހޯދަން ނިންމައިފިއެވެ.
އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލު ކޮށް މާލެ ސިޓީގެ ދަށަށް ގެންދިއުމަށް, މިއަދު ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު 'ސަން' އަށް ވިދާޅުވީ, ޝަރުއީ މަރުހަލާ ފުރިހަމަ ނުކޮށް މީހަކު އެހެން މީހަކަށް ރެޖިސްޓްރީކޮށްދީފައިވާ ބިމެއް އަތުލެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ދެން އަޅުގަނޑަކީ ގާނޫނީ މީހެއް ނޫންވީމަ އެކަމަށް އެއްޗެއް ދަންނަވާކަށް ނޭނގެ. އެކަމާ ގުޅިގެން ގާނޫނީ ލަފާ އަޅުގަނޑުމެން ހޯދަމުން މިދަނީ," ސުހައިލް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ މަޝްރޫތައް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިވަނީ ޑރ. މުހައްމަދުގެ މުއިއްޒުގެ މިނިސްޓަރުގެ ކަމުގެ ދަށުގައި ހައުސިންގ މިނިސްޓްރީންނެވެ. އޭގެ ކުރިން ހުޅުމާލެ ވެސް އޮތީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
އެކަން ފާހަގަކޮށް ސުހައިލް ވިދާޅުވީ, ގާނޫނީ ގޮތުން މާލެ ސަރަހައްދުގެ ގޮތުގައި ހުޅުމާލެ ހިމެނުނު ނަމަވެސް ލިއުމަކުން ރެޖިސްޓްރީކޮށްފައިވާ ބިމެއް އެހެން ބަޔަކަށް އަތުލެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 2،028،510.8 ސްކޮޔާ ކިލޯ މީޓަރުގެ ބިން ހިއްކައިފައެވެ.
ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ގެނައުމަށް ފާސްކޮށްފައިމިވަނީ, އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލުން ދެބަސް ވެފައިވާ ދަނޑިވަޅެއްގައެވެ.
"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާއާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލިއުމުން ހުއްދަ ލިބުމުން ކަމަށެވެ.
ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަން ހީނާ ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން އެޗްޑީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާ ކަމަށެވެ.
އެޗްޑީސީއިން ސިޓީ ކައުންސިލާ ގުޅުން ނުބާއްވާތީއާއި ހުޅުމާލޭގެ ކަންކަން ނިންމުމުގެ ބާރު ލިބިފައި ނުވާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.