ކީރިތި ގުރުއާނަށް ފުރައްސާރަ ކުރި ބިދޭސީ ޓީޗަރަށް ދެ ހަފްތާ ވީއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅެއް ނޭޅިއެވެ.

ސ. އަތޮޅު މަދަރުސާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ލާދީނީ ވާހަކަތަކެއް ދަރިވަރުން ކުރިމަތީގައި ދެއްކި މައްސަލައެއް ފެންމަތިވީ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

އެގޮތުން އެ މިނިސްޓްރީން އެންމެ ފަހުން ބުނީ އެކަމާ ގުޅިގެން ސްކޫލުން ހެދި ރިޕޯޓް މިނިސްޓްރިއަށް ފޮނުވާފައި ވާކަމަށެވެ. އަދި މިނިސްޓްރީއިން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ޓީޗަރު ހުންނެވީ ދަރިވަރުންނާ ގުޅޭ ކަންކަމުން އެކަހެރި ކުރެވިފަ. މައްސަލަ ބަލާ ނިމުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް ސީއެސްސީގެ ގަވާއިދުތަކާ އެއްގޮތަށް އަޅާނެ،" މިނިސްޓްރީން މީގެކުރިން ބުންޏެވެ.

ސ. އަތޮޅު މަދަރުސާގައި ބިދޭސީ ޓީޗަރަކު ގުރުއާނަށް ފުރައްސާރަކޮށް، ލާދީނީ ވާހަކަތަކެއް ދައްކައިފައިވަނީ ގްރޭޑް އަށެއްގެ ކުދިން ހިމެނޭ ކުލާހެއްގައެވެ.

އެގޮތުން އެ ޓީޗަރުވަނީ ގުރުއާނަކީ ހިޔާލީ ވާހަކަތަކެއްކަމަށް ބުނެފައެވެ. އަދި ކަލަކު ވޮޑިގެން ނުވާކަމަށް ވެސް ބުނެފައިވެއެވެ. ހަމައެހެންމެ ކަލަކުވާކަމަށް ގަބޫލުކުރެވެނީ ކުޑައިރުންސުރެ އެ ކަން ވިސްނައިދީ ވިސްނުމާ ކުޅެފައިވުމުންކަމަށް ވެސް އެ ޓީޗަރު ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ މިކަމުގެ ޝަކުވާ ހުށަހަޅައި އެ ކަން ސަމާލުކަަމަށް ގެނެސްފައިވަނީ ދަރިވަރެއްކަމަށެވެ.

"އެއްވެސް ބެލެނިވެރިއެއް ނޫން މައްސަލަ ހުށަހެޅީ. ހަމަ ދަރިވަރެއް އެއީ. ދެން އަޅުގަނޑުމެން މިހާރު އިތުރަށް މި ކަން ބަލަމުން މި އަންނަނީ. މިވަގުތު އިތުރު މައުލޫމާތު މި މައްސަލައާ ގުޅިގެން ހާމަކުރެވޭކަށް ނެތް،" ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ޓީޗަރު މި މައްސަލައިގެ ތަހުގީގު ނިމެންދެން ސްކޫލަށް ހާޒިރުނުވާނެކަމަށެވެ.