08 Dec 2021, 15:53
މިދިޔަ ހޯމަ ދުވަހު އެކްސިޑެންޓްވެ، ހާލު ސީރިއަސްވި މ. ކިނބިދޫގޭ ޚާލިދު އަބްދުﷲ އެކްސިޑެންޓްވީ ކާރެއްގައި ޖެހުމުން ކަމަށް މީގެ ކުރިން ހީވެފައި ވީ ނަމަވެސް، ފުލުހުން މިއަދު ބުނީ އޭނާ އެކްސިޓެންޓްވީ ކާރެއްގައި ޖެހިގެން ނޫން ކަމަށާއި ވެއްޓިގެން ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖް ކައިރިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ މެންދުރު ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ނުކުޅަދުންތެރިކަން ހުންނަ ފަރާތަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން، ފުލުހުންގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ބަލައި، ފުލުހުން ވަނީ ތަހުގީގު ކޮށްފައެވެ.
"އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ނޫންކަން އެނގިފައިވޭ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު އަންނަތަން ފެނުމުން، ސައިކަލުގައި އިން މީހާއަށް ހަދާލެވުނު ގޮތަކުން ސައިކަލުން ވެއްޓިގެން ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.
މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން ޚާލިދުގެ ހާލަތު ވަނީ ގޯސްވެފައެވެ. އޭނާއަށް މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.