ސަރުކާރުގެ ސިޔާސަތާ ބެހޭ ގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަޙާ މެދު ޑިޕްލޮމެޓިކް ފަރާތްތަކަށާއި ބޭރުގެ ނޫސްވެރިންނަށް މަޢްލޫމާތު ދެއްވުމަށް މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޙުސައިން ޝަރީފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްމަން ޢައްބާސް ޢާދިލް ރިޒާ، ސްރީލަންކާގައި އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ކޮޅުނބުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ބޭއްވެވި އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ނިއުސް ކޮރެސްޕޮންޑެންޓުންނާއި ސްރީލަންކާގެ މީޑިއާ ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮޅުނބުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޙުސައިން ޝިހާބް ބައިވެރިވެވަޑައިގަތް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.