08 Dec 2021, 15:57
ވޮޝިންޓަން (ޑިސެމްބަރު 8) : ރަޝިޔާއާއި ޔުކްރޭންއާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޖޯބައިޑެން އާއި ރައީސް ވްލަޑީމީރު ޕޫޓިން ވާޗުއަލްކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ވައިޓް ހައުސް އިން ބުނެފައިވަނީ ބައިޑެން ޕޫޓިންއާ މަޝްވަރާކުރެއްވީ ޔުކްރޭންގެ މަސްރަހު ފިނިކުރުމާބެހޭގޮތުން ކަމަށާއި މި މަޝްވަރާތަކުގައި ޔުކްރޭންއާ ދެކޮޅަށް ރަޝިޔާ އުދުވާނެއް ހިންގައިފިނަމަ އެމެރިކާގެ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ރަޝިޔާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ބައިޑެން، ޕޫޓިން އަށް ދެއްވި ކަމުގައެވެ.
ކްރެމްލިން އިން ބުނީ ނޭޓޯގެ އަސްކަރީ ބާރު ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކުރުމަކީ ރަޝިއާގެ ރަތްރޮނގު ކަމުގެ އިންޒާރު ޕޫޓިން، ބައިޑެން އަށް ދެއްވި ކަމުގައެވެ.
ރަޝިއާގެ ލައްކައެއްހާ ސިފައިން ބަރުހަތިޔާރާއެކު ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިވަނީ ރަޝިއާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ޔުކްރޭން، ނޭޓޯގެ މެންބަރަކަށްވާން ބޭނުންވާ މައްސަލާގައި ރަޝިއާ ކަންބޮޑުވާތީއެވެ. ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިފިނަމަ ނޭޓޯ ގެ އަސްކަރީ ފައުޖުތައް އޮންނާނީ ރަޝިއާގެ ސަރަހައްދީ ރޮނގުގައެވެ. މިއީ ރަތްރޮނގު ކަމަށާއި މިކަން ހުއްޓުވުމަށް ހަނގުރާމަ ކުރަންޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމުގެ އިންޒާރު ރަޝިއާ ވަނީ ދީފައެވެ.

ޔުކްރޭންގެ ސަރަހައްދީ ރޮނގަށް ރަޝިއާގެ އެއްލައްކަ ސިފައިން ޖަމާކޮށް ހަނގުރާމައިގެ ހާލަތަށް ގެނަސްފައި
ޔުކްރޭންގެ ޒައާމަތަކީ އެމެރިކާއާއި ޔޫރަޕްގެ ކޮޅަށްޖެހި ހުސްވެފައިވާ ބައެކެވެ. އަވަށްޓެރި ރަޝިއާއާ ދުޝްމަންކަން ގެންގުޅޭ ޒަޢާމަތެކެވެ. ޔުކްރޭންގެ އަވަށްޓެރި ރަޝިއާގެ ޖިއިޕޮލިޓިކަލް ކަންބޮޑުވުންތަކާއި ޔުކްރޭންގައިވާ ރަޝިއާގެ މަސްލަހަތުތަކަށް ޔުކްރޭންގެ ލީޑަރުން ސަމާލުކަމެއް ނުދެއްވައެވެ.
ޔުކްރޭންގެ ރައްޔިތުންގެ ތެރޭގައި ރަޝިއާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން ހިމެނޭއިރު އެމީހުން ގެންދަނީ އެމީހުންގެ ހައްގުތަކަށް އުނިކަންލިބޭތީ ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަމުންނެވެ. މި ބަޣާވާތަށް އަސްކަރިގޮތުން އެހީދޭކަމުގެ ތުހުމަތު ރަޝިއާގެ މައްޗަށް ކުރެވިފައިވެއެވެ. ނަމަވެސް ރަޝިއާ މިކަމަށް އިންކާރު ކުރެއެވެ.
ޕޫޓިންއާއި ބައިޑެންގެ ވާޗުއަލް ސަމިޓްގައި ޕޫޓިންވަނީ ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ޔަގީންކަން ދެއްވުމަށް ބައިޑެންގެ ކިބައިން އެދިވަޑައިގެންފައެވެ. މިގެރެންޓީ ދީފިނަމަ ޔުކްރޭންގެ ސަރަހައްދީ ރޮނގުގައި ރުކުރުވާލާފައިވާ ރަޝިޔާގެ ލައްކައެއްހާ ސިފައިން އަނބުރައި ގެންދަން ތައްޔާރަށް ހުންނެވިކަންވެސް ޕޫޓިން ބައިޑެން އަށް ދެންނެވިކަމަށް ޚަބަރުތައް ބުނެއެވެ.
އަސްކަރީ ގޮތުން ބަލާނަމަ ޔުކްރޭންއަކީ ރަޝިއާގެ ކުރިމަތީގައި އަސްކަރީގޮތުން ފައިހަމަކޮށްލެވޭވަރަށްވުރެ މާކުޑަ އަދި މާ ބަލިކަށި ގައުމެކެވެ. އެހެންކަމުން އަސްކަރީ ކުރިމަތިލުމަކަށް ހިނގައްޖެނަމަ ޔުކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ނޭޓޯގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުންވެސް ގެންދަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުތައް ދެމުންނެވެ. ނަމަވެސް މިއިންޒާރުތަކާއި ފިޔަވަޅުތަކަށްވުރެ ރަޝިއާގެ ގައުމީ މަސްލަހަތާއި އަމަންއަމާންކަން މާ މުހިއްމުކަމަށް ރަޝިއާ ބުނެއެވެ.
މީގެކުރިންވެސް ޔޫރަޕާއި އެމެރިކާ ވަނީ ޔުކްރޭންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިއާގެ މައްސަލާގައިވެސް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދަށް މާބޮޑު ލޮޅުމެއް އަރާފައެއް ނުވެއެވެ.