ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމުން އެކަމަށް މަރުޙަބާ ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރު މަންމޯހަން ސިންހް ފޮނުއްވި މެސެޖަށް ޝުކުރުއަދާކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންފައިވާ މި ދަނޑިވަޅަކީ، ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި ރާއްޖެގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި، މިކަން މިގޮތަށް ކުރެއްވުމަށްޓަކައި ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ޤައުމުގެ މެދުގައިވާ ގާތްގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވައި އިންޑިޔާ އިން ރާއްޖެއަށް ވެދީފައިވާ އަދި ވެދެމުންގެންދާ އެހީތަކަށާއި އެއްބާރުލުމަށް ޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރުއަދާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ހަމައެއާ އެކު، ރާއްޖެއަކީ ސާކްގެ މިހާރުގެ ޗެއާ ކަމަށްވުމާ އެކު، އެ މަސްއޫލިއްޔަތާއި ވާޖިބުތައް ރާއްޖެ އިން ވީއެންމެ ރަނގަޅަކަށް އަދާކުރާނެ ކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.