08 Dec 2021, 23:45
މިއަހަރުގެ މަސްވެރީންގެ ދުވަސް ކ.ގާފަރުގައި ފާހަގަކުރާއިރު، އެދުވަހުގެ މުނާސަބަތުގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ގާފަރު ކައުންސިލުން ބުނެފިއެވެ.
މަސްވެރީންގެ ދުވަހުގެ ކުޅިވަރުތައް ރާވާފައިވަނީ ފިޝަރީޒް މިނިސްޓްރީއާއި ރަށު ކައުންސިލް ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ގާފަރުގައި މަސްވެރީންގެ ދުވަސް ފާހަގަ ކުރާން ނިންމީ ކޮވިޑުގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލެ ކައިރީ ސަރަހައްދެއްގައި އެދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ގާފަރު ކައުންސިލްގެ ރައީސް، މުބައްޝިރު ޖަލީލް "ސަން"އަށް ވިދާޅުވީ އެރަށުގައި މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަކީ ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއް ކަމަށެވެ.
އެހެންކަމުން މިމަހުގެ ދިހަ ވަނަ ދުވަހަކީ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރުގައި ހަގީގީ ކުލަ ޖެއްސޭ ދުވަސް ކަމަށެވެ.
މުބައްޝިރު ވިދާޅުވީ މި އަހަރުގެ މަސްވެރީންގެ ދުވަސް އެރަށުގައި ފާހަގަ ކުރާން ނިންމާފައިވަނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުދިބޮޑު އެންމެން ގުޅިގެން ރަށުގެ ބަނދަރު ސަރަހައްދު ޒީނަތްތެރި ކުރުމާއި ފާރުފާރުގައި ކުލަލުމާއި އަދި ރަށުތެރެ ސާފު ކުރުމުގެ މަސައްކަތް ވެސް މިހާރު ނިންމާފައިވާ ކަމަށާއި އެހެންކަމުން މިވަތު ރަށް އޮތީ ވަރަށްބޮޑަށް ޒީނަތްތެރި ކޮށްފައި ކަމަށެވެ.

މަސްވެރީންގެ ދުވަހަށް ގާފަރުގެ މަގުތައް ޒީނަތްތެރި ކޮށްފައި -- ފޮޓޯ/ ކައުންސިލް
އޭނާ ވިދާޅުވީ އެދުވަހުގެ ކުޅިވަރު ތަކުގެ ތެރޭގައި އަތޮޅު ތެރެއަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތަކާއި މަސްކެނޑުމުގެ މުބާރާތެއް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ރަށު ކައުންސިލާއި ސަރުކާރުގެ މުއައްސަސާ ތަކާއި މަސްވެރިންނާ ދެމެދު އޮންނާންޖެހޭ އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ކުޅޭ ވަރަށް ހާއްސަ ފުޓްބޯޅަ މެޗެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުބައްޝިރު ވިދާޅުވީ މި މުބާރާތްތަކުން ވަނަވަނައަށް ހޮވާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ފައިސާގެ ގިފްޓް ކާޑުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި މުބާރާތްތަކުން ވަނަވަނައަށް ހޮވާ ފަރާތްތަކަށް ދޭން ނިންމާފައިވާ ފައިސާގެ އިނާމުތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތުން އެއްވަނައަށް ހޮވާ ފަރާތަކަށް 10،000 ރުފިޔާ، ދެވަނައަށް ހޮވާ ފަރާތަކަށް 4،000 ރުފިޔާ އަދި ތިން ވަނައަށް ހޮވާ ފަރާތަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑު ލިބޭނެއެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ މަސްކެނޑުމުގެ މުބާރާތުން އެއްވަނައަށް ހޮވާ ފަރާތަކަށް 4،000 ރުފިޔާ، ދެވަނައަށް ހޮވާ ފަރާތަކަށް 2،000 ރުފިޔާ އަދި ތިން ވަނައަށް ހޮވާ ފަރާތަކަށް 1،000 ރުފިޔާ ގިފްޓް ކާޑު ދޭނެއެވެ.
މީގެ އިތުރުން ފިރިހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ މަސްކެނޑުމުގެ މުބާރާތުން ވެސް އެއްވަނައަށް ހޮވާ ފަރާތަކަށް 4،000 ރުފިޔާ، ދެވަނައަށް ހޮވާ ފަރާތަކަށް 2،000 ރުފިޔާ އަދި ތިންވަނައަށް ހޮވާ ފަރާތަކަށް 1،000 ރުފިޔާގެ ގިފްޓް ކާޑު ވައުޗާ ދޭނެއެވެ.
މަސްވެރީންގެ ދުވަހު، ބާއްވާ ކުޅިވަރު ރޭސް މުބާރާތުން އެއްވަނައަށް ހޮވާ ފަރާތަކަށް 4،000 ރުފިޔާގެ ގިފްޓް ކާޑު ވައުޗާ ދޭން ނިންމާފައިވާއިރު، އަތްތެރި މަސައްކަތުގެ މައުރަޒުން އެއްވަނައަށް ހޮވާ ފަރާތަކަށް 4،000 ރުފިޔާ އަދި ކާބޯތަކެތީގެ މައުރަޒުން އެއްވަނައަށް ހޮވާ ފަރާތަކަށް ވެސް ދޭނީ 4،000 ރުފިޔާގެ ގިފްޓް ކާޑު ވައުޗާއެކެވެ.
ކައުންސިލުން ބުނީ މަސް ރޭސް މުބާރާތާއި އަތްތެރި މަސައްކަތުގެ މައުރަޒާ އަދި ކާބޯތަކެތީގެ މައުރަޒުގެ ބައިވެރީންގެ ތެރެއިން ހޮވާނީ ހަމައެކަނި އެއްވަނައަށްދާ ފަރާތް އެކަނި ކަމަށެވެ.
ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ވާޗުއަލް ކޮށެވެ.

މަސްވެރީންގެ ދުވަހަށް، ގާފަރުގެ ހާބަރު ސަރަހައްދު ތައްޔާރު ކުރުން -- ފޮޓޯ/ ކައުންސިލް
ގާފަރުގައި މި އަހަރު ފާހަގަ ކުރާ މަސްވެރީންގެ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ 41 ވަނަ މަސްވެރީންގެ ދުވަހެވެ.