08 Dec 2021, 13:30
ގެވެށި އަނިޔާގެ ބިރަކީ މިއަދު ދިވެހީންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ މުސްކުޅި މާމަ ކާފަމެން ތެރެއިންވެސް މިފަދަ އަނިޔާއެއް ތަހައްމަލު ކޮށްފައި ނުވާނީ މަދު މީހެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރާ އަދަދުތަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު މިދިޔަ ހުކުރު ދުވަހު އިވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) މިފަދަ އަނިޔާތަކެއްގެ ޝިކާރައަކަށްވީ ކަމުގެ ހަބަރެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފަތޯ ބުނީ މި ހާދިސާ ހިނގީ ވިލިމާލޭގެ ރެސްޓޯރެންޓެއްގައި، ގިނަ ބައެއްގެ ކުރިމަތީ ކަމަށެެވެ.
"ހުކުރު ދުވަހު ކާން ވެގެން އަޅުގަނޑު ވަނީ ރެސްޓޯރެންޓަކަށް. އެތާ އެހެން މޭޒެއްގަ ބައްޕަ އިންތަން ފެނުނީމަ ވާހަކަ ދައްކާލަން ވެގެން ކައިރިއަށް ދިޔައީ. ދިޔައިރު ބޭބެވެސް އިން އެ މޭޒުގަ ހަމަ،" ފަތޯ ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ، ތިން މީހުންގެ ދެމެދުގައި ދެކެވުނު ވާހަކައެއް ޒުވާބަކަށް ބަދަލުވުމުން ކަމަށް ފަތޯ ބުންޏެވެ.
"މޫނު މަތީ ޖަހަން ވެގެން އޭނަ [ބޭބެ] އުޅުނީ. އެކަމު އަޅުގަނޑުގެ ވާތުން އެ ހަމަލާ ބްލޮކް ކުރީީމަ އެ އަތުގަ ހިފާ އަނބުރާލާފަ ބިންދާލީ،" އޭނާ ބުންޏެވެ.
އެވަގުތު އެމަންޒަރު ބަލަން ރެސްޓޯރެންޓުގައި އިތުރު މީހުން ތިބިކަމަށްވެސް ފަތޯ ބުންޏެވެ. އަދި ނަސީބު ދިމާކުރި ގޮތުން ފަތޯއަށް ހުރެވުނީ ވިލިމާލެ ހޮސްޕިޓަލާ ކައިރީގައި ކަމުން އޭނާއަށް ހިނގާލައިފައި އެ ހިސާބަށް ދެވުނެވެ.
"ވިލިމާލެ ހޮސްޕިޓަލުން ވަގުތީ ފަރުވާ ވަރަށް ރަނގަޅަށް ދިން. އެއަށްފަހު ލިބިފަހުރި ގެއްލުންތަކަށް ބަލާފަ އައިޖީއެމްއެޗަށް ފޮނުވީ،" އޭނާ ބުންޏެވެ.
ފަތޯއަށް ލިބިފައިވާ އަނިޔާތަކުގެ އެކްސްރޭއިން އޭނާގެ ވައަތުގެ ކޮނޑުހުޅާއި އުޅަނބޮއްޓާ ދެމެދުން ކަށިގަނޑު ބިންދައިގެން ގޮސްފައި ހުރިކަން ފެންނަން ހުއްޓެވެ.

ފަތޯގެ އަތަށް ލިބިފައިވާ އަނިޔާތައް ދައްކައިދޭ އެކްސްރޭއެއް ---
ފަތޯ އިތުރަށް ބުނީ އޭނާގެ އަތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ، އެ އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ފުރަތަމަ ނިންމީ އިއްޔެ ކަމަށެވެ. އަދި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ހޯމަ ދުވަހު ހޮސްޕިޓަލުން ޕްލާސްޓަރު ނައްޓައި، އަތުގެ ހާލަތު ބަލައިފައިވާ ކަމަށެެވެ. އަތް ވަރަށް ބޮޑަށް ދުޅަވެފައިވާއިރު އިނގިލަތަށް ހަރަކާތް ކުރުމަށް އުނދަގޫވާ ކަމަށް ފަތޯ ބުންޏެވެ.
"ހޯމަ ދުވަހު ޕްލާސްޓަރު ނައްޓާލަމުން ބުނި އަތުގެ ހާލަތު ބަލާފައޭ އޮޕަރޭޝަން ކުރާނީ. ޕްލާސްޓަރު ނެގިއިރުވެސް އަތް އޮތީ ވަރަށް ބޮޑަށް ދުޅަވެފަ. ބުނި އޮޕަރޭޝަން ކުރެވޭނެ އޭ،" ފަތޯ ބުންޏެވެ.
ނަމަވެސް، އެ އޮޕަރޭޝަން ވަނީ އަންނަ ހޮނިހިރު ދުވަހަށް ލަސްކޮށްފައެވެ. ތަދާއި ވޭނުގައި ފަތޯ ހޭދަ ކުރަންޖެހޭ ދުވަސްތައް ދިގު ދެމިގެން ދިޔައީއެވެ. މިކަމާގުޅިގެން ފަތޯގެ ކަންބޮޑުވުންތައް އިންތިހާއެވެ.
ޕްލާސްޓަރު ނައްޓާލުމަށްފަހު އަނބުރާ އަތް ލައްވާފައި އިނީ ހަމަ އެ ޕްލާސްޓަރަށް ކަމުން އުނދަގޫތަކެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިކަން އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށްވެސް ފަތޯ ބުންޏެވެ.
ފަތޯގެ ބޭބެ އޭނާގެ އަތް ގަސްތުގައި ބިންދާލި ކަމަށް ބުނެ އެ މައްސަަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ފަތޯގެ އެހެން ބޭބެއަކު ޓުވިޓާ މެދުވެރިކޮށް ބުނި ގޮތުގައި ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި މައްސަލަ ހުށަހެޅުމުން ވިލިމާލެ ފުލުހުން އެދުނީ ބަލި އެނދުގައި އޮތް ފަތޯ ސްޓޭޝަނަށް ހާޒިރުވެ ބަޔާން ދިނުމަށް ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.
އެ މައްސަލައާ ބެހޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ ވިލިމާލެއިން އަނިޔާ ލިބިފައިވާ 30 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފަތޯ "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މި އަނިޔާ ދިން ބޭބެ ވަނީ ފަތޯގެ ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ. އަދި އެ މައްސަލަ ޕޮލިހަށް ހުށަހަޅައި، ބަޔާން ދިނުމުން ބޭބެ ވަނީ ޕޮލިހަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބުނެ ބިރު ދައްކާފައި ކަމަށް އޭނާ ބުންޏެވެ.
ފަތޯ ބުނި ގޮތުގައި އޭނާގެ ބޭބެއާ އޭނާއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
"ބޭބެ އާ މައްސަލަ ޖެހިގެން ގޭގައި ނޫޅެވިގެން އެގޮތް މިގޮތަށް މިއުޅުނީ. އަޅުގަނޑު އާމްދަނީ ހޯދަނީ ރިސޯޓް މިއުޒިކް ފަދަ ކަންކަން ކޮށްގެން. ނަމަވެސް ޕެންޑަމިކް އާ ގުޅިގެން އެ ދޮރުވެސް ބަންދުވީ. އެހެންވީމަ އަޅުގަނޑަށް މަޖުބޫރުވި އަނބުރާ ވިލިމާލެއަށް ބަދަލުވާން،" ފަތޯ ބުންޏެވެ.
މި އަނިޔާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި އަޅައިފައި ނުވާ ކަމަށް އޭނާ ބުނާއިރު މިހާރު އުފެދޭ ސުވާލަކީ، ދެން ވެސް ފަތޯ ގޮސް ވަންނަން ޖެހޭނީ ގެވެށި އަނިޔާ ލިބެން، ބޭބޭ އާ އެކު އެއް ހިޔާވައްސަކަށް ތޯއެވެ. ދެން ވެސް ކުރިމަތި ލާން ޖެހޭނީ މިފަދަ އަނިޔާވެރިކަމަކާ ތޯއެވެ.