ބޮޑުކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް ޓަކައި މަސްވެރިންގެ ދުވަހު ކަނޑުމަތީގެ ހަރަކާތެއް ރާވާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިން ތަމްސީލް ކުރާ ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު "ސަން"އަށް ވިދާޅުވީ މަސްވެރިންގެ ދުވަހު (ޑިސެމްބަރު 10)ގައި އެ ޖަމިއްޔާގެ އަހަރީ ޖަލްސާ ބޭއްވުމަށް ފަހު، މެމްބަރުންގެ ޝުއޫރު ފާޅުކުރުން އޮންނާނެ ކަމަށެވެ.

އެހެން ނަމަވެސް މި އަހަރު މަސްވެރިންގެ ދުވަހަކީ ހުކުރު ދުވަހަކަށް ވުމުން ޖަލްސާއާއި ޝުއޫރު ފާޅުކުރުން ބާއްވާނެ ސީދާ ވަކި ގަޑިތަކެއް ކަނޑައަޅަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

"މިރޭ ހުރިހާ ކެޔޮޅުންގެ ބައިވެރިވުމާއެކު ހިންގާ ކޮމެޓީގެ ބައްދަލުވުމެއް އޮންނާނެ. އެ ބައްދަލުވުމުގައި ސީދާ ވަކި ގަޑިތަކެއް ކަނޑައަޅާނެ. ޖަލްސާއާއި ޝުއޫރު ފާޅުކުރުން އޮންނާނީ މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މާލެ ކައިރީގައި," ނަޝީދު ވިދާޅުވިއެވެ.

މި އަހަރުގެ ޖަލްސާއާއި ޝުއޫރު ފާޅު ކުރުމުގެ ހަރަކާތުގައި 70-100 ވަރަކަށް މަސްދޯނީގެ މެމްބަރުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީކޭއެމްޔޫ އުފައްދައި، އެ ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ބޭއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ. ނަޝީދު ވިދާޅުވީ ޖަމިއްޔާއަށް އެއް އަހަރު ފުރޭއިރު، އެ ޖަމިއްޔާއިން މިދިޔަ އަހަރު ފާޅުކުރި ކަންބޮޑުވުންތަކަށް ކަމާބެހޭ ފަރާތްތަކުން އިޖާބަ ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ދާދި އެއް މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއާއި ބޮޑުކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ބޮޑުކަންނެއްޔަށް ހަމަ އަގު ނުލިބި، ގަންނަ އަގު ކުޑަވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވުމެވެ.