ގައުމީ މުބާރާތްތަކަށް ކުދިން ހޮވުމަށްޓަކައި އަތޮޅުތަކުގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތަކީ އަތޮޅު ގުރުއާން މުބާރާތްތަކެވެ. ކުދިންގެ ހިތްތަކުގައި ގުރުއާންށް އޮންނަ ލޯބި އިތުރު ކުރުވާ ވާދަވެރި އެހެނަސް ތަރުތީލުކޮށް ކިޔަވާ ކުދިންތަކެއް އުފެއްދުމުގެ އެންމެ ބޮޑު އެއް ރޯލެއް ކުޅޭ އެންމެ އިސް މުބާރާތަކީ އަތޮޅު ކައުންސިލްތަކުން އިންތިޒާމް ކޮށްގެން ބާއްވާ ގުރުއާން މުބާރާތްތަކެވެ.

އެގޮތުން، މ. އަތޮޅުގެ ދަރިވަރުން ކޮންމެ އަހަރަކުހެން އެންމެ ބޮޑު ތައްޔާރީތަކެއް ވަނީ ވެސް އަތޮޅު ގުރުއާން މުބާރާތަށެވެ. ކޮންމެ ކުއްޖެއްގެ ވެސް އުންމީދަކަށް ވަނީ ގައުމީ ގުރުއާން މުބާރާތުގައި ވާދަކުރަން ހޮވޭ ކުދިންގެ ތެރެއިން ކުއްޖަކަށް ވުމަށް ކެނޑިނޭޅި މަސައްކަތް ކުރުމެވެ. ސްކޫލުތަކުގެ އަމާޒަކަށް ވަނީ އެންމެ މަތިން ވަނަތައް ހާސިލްކޮށް މުޅި މުބާރާތުގެ އެއްވަނަ ހޯދުމެވެ.

މ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކުހެން ބާއްވަމުން އަންނަ މުލަކަތޮޅު އަތޮޅު ކައުންސިލްގެ ގުރުއާން މުބާރާތުގެ ރަން ވަނަ މިހާތަނަށް އެންމެ ގިނައިން ދިފާއު ކޮށްފައިވަނީ ދިއްގަރުންނެވެ.

25 އަހަރު މި މުބާރާތް ބޭއްވިއިރު 23 ފަހަރު މުބާރާތް ދިއްގަރު ސްކޫލުން ވަނީ ކާމިޔާބު ކޮށްފައެވެ.

މިކަމާ ގުޅިގެން ދިއްގަރު ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް އަބްދުﷲ "ސަން"އަށް ވިދާޅުވީ މިއީ ފަހުރުވެރިވާފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި އަހަރުގެ އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިއްގަރު ސްކޫލުގެ ދަރިވަރުން --- ފޮޓޯ/ ދިއްގަރު ސްކޫލު

"މިއީ ދިއްގަރު ސްކޫލުގެ ދަރިވަރުންނާ ޓީޗަރުން އަދި ބެލެނިވެރިންގެ ހިތްވަރުގަދަ މަސައްކަތުން ލިބިފައިވާ ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ މުބާރާތްތަކަށް ތައްޔާރުވުމަށް ދިއްގަރުން އަބަދުވެސް ކުރިއަލާ ތައްޔާރު ވާ ކަމަށެވެ.

"ގުރުއާން މުބާރާތްތަކަށް ކުދިން ހޮވާއިރު އެންމެ ފުރަތަމަ އޮޑިޝަނެއް ބާއްވާ އޭގެ ތެރެއިން ކުދިން ނަގަނީ. މިސާލަކަށް 30 ކުދިން ގެންދަން ޖެހޭނެމަ 40 ކުދިން އަޅުގަނޑުމެން ހޮވަން. ދެން ކުދިންގެ ފަރިތަކުރުންތައް ހަމަ ގަވައިދުން ކުރިއަށް ގެންގޮސް މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފައާ އިރުޝާދުގެ މަތިން ކުރިއަށް ދަނީ. އެއަށްފަހު އިތުރު އޮޑިޝަނެއް ބާއްވަން ހޮވުނު 40 ކުދިން ތެރެއިން ދެން އެތަނުން 30 ކުދިން ހޮވަނީ،" ދިއްގަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ޖެހިޖެހިގެން 16 އަހަރު މެދުކެނޑުމެއް ނެތި ދިއްގަރު ސްކޫލުން ވަނީ އަތޮޅުގެ އެއްވަނަ ދަމަހައްޓާފައެވެ. މިއަދާ ހަމައަށް ދިއްގަރަށް އަތޮޅު ގުރުއާން މުބާރާތް ކާމިޔާބު ނުކުރެވި ދިޔައީ އެންމެ ދެ އަހަރެވެ. އެ ދެ އަހަރު ދިއްގަރުގެ މައްޗަށް ކުރި ހޯދީ މ. މުލަކު ސްކޫލުގެ ދަރިވަރުންނެވެ.

އެގޮތުން މި އަހަރު ބޭއްވުނު މުލަކަތޮޅު އަތޮޅު ކައުންސިލްގެ ގުރުއާން މުބާރާތުންވެސް ދިއްގަރު ސްކޫލުގެ ދަރިވަރުން ވަނީ ފަހުރުވެރި އެއްވަނަ ހޯދައި ދިއްގަރުގެ ރީތި ނަން ދަމަހައްޓާފައެވެ.