08 Dec 2021, 10:13
"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "ކޮތަރު ކޮށި" ނަމުގައި ބާއްވާ އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާ މުހާތަބު ކުރައްވައި އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާނެ ކަމަށެވެ.
އެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަަހައްދުގައި އޮންނަ ހިޔާ ޕާކުގައި ކަމަށް ވެސް ޕީޕީއެމުން ހާމަކުރިއެވެ.
އެކަމާ ގުޅިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާ ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލިއުމުން ހުއްދަ ލިބުމުން ކަމަށެވެ.
"ހުޅުމާލެއަކީ ގާނޫނުގައި އޮންނަ ގޮތުން މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް," ހީނާ ވަލީދު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, ހަމަޖެހިފައިވާ ގޮތަށް ހުކުރު ދުވަހުގެ ރޭ އެ ސަރަހައްދުގައި ޖަލްސާ އޮންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މަނިކުފާނު މިނިވަންކުރުމާ އެކު އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް އިދިކޮޅުންވަނީ "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެއީ ރައީސް ޔާމީން މިނިވަންވުމަށްފަހު ބޭއްވި އެންމެ ފުރަތަަމަ ޖަލްސާއެެވެ.